ދުނިޔޭގެ ވިޔަފާރި

ލަންކާގެ އިންފްލޭޝަން ދަށަށް

އަވަށްޓެރި ސްރީލަންކާގެ ގައުމީ ކޮންސިއުމަރ ޕްރައިސް އިންޑެކްސް، އެންސީޕީއައި ސެޕްޓެމްބަރު މަހު ރެކޯޑް އަދަދެއް ކަމަށްވާ %73.7 އަށް މައްޗަށްދިއުމަށް ފަހު އޮކްޓޯބަރު މަހު %70.6 އަށް ދަށްވެފައިވާ ކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކާއިބެހޭ ޑިޕާޓްމަންޓުން ބުނެފިއެވެ.

ކާބޯތަކެތީގެ އިންފްލޭޝަން އޮކްޓޯބަރު މަހު %80.9 ގައި ހުރިއިރު، ކާބޯތަކެތި ފިޔަވައި އެނޫން ތަކެތީގެ އިންފްލޭޝަން ހުރީ %61.3 ގައި ކަމަށް ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނެއްގައިވެއެވެ.

ތަކެތީގެ އަގުތައް ދަށަށް ނުދާނެކަމަށާއި ނަމަވެސް އަގުތައް ހަމައަކަށް އެޅެމުންދާ ކަމަށް ކޮލަމްބޯގައި ހުންނަ އެޑްވޮކާޓާ އިންސްޓިޓިއުޓްގެ އިގްތިސާދީ މާހިރު ރެހާނާ ތައުފީކް ވިދާޅުވިއެވެ. އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ދަނީ ޓެކްސްތައް ތައާރަފްކޮށް އެހެނިހެން ފިޔަވަޅުތައް އަޅަމުންނެވެ. އެހެންކަމުން ގޭބިސީތަކަށް އަގުގެ ޕްރެޝަރު އިހުސާސް ކުރެވެމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސެންޓްރަލް ބޭންކް އޮފް ސްރީލަންކާގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ ލަފާކުރެއްވި ގޮތުގައި މާލީ ސިޔާސަތުތަކުގެ މިހާރުގެ ޓްރެންޑަށް އަމަލުކޮށްފިނަމަ އަންނަ އަހަރު ނިމޭއިރު އިންފްލޭޝަން %4 ނުވަތަ %5 އަށް ދަށްވާނެއެވެ.

އަގުތައް ދަށްކޮށް މާކެޓްތައް ހަމައަކަށް އެޅުވުމުގެ މަސައްކަތުގައި، ބޭންކުން ވަނީ މިއަހަރުގެ އިންޓަރެސްޓް ރޭޓް 900 ބެސިސް ޕޮއިންޓް މަތިކޮށްފައެވެ. މިއަހަރުގެ އެންމެ ފަހުގެ ސިޔާސަތު އިއުލާން ކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ލަންކާގެ އިންފްލޭޝަން މަތިވަމުން ދާތާ ގާތްގަޑަކަށް އަހަރެއްހާ ދުވަސްވެއްޖެއެވެ. އިންފްލޭޝަން މަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައިވެސް ކުރިމަތި ނުވާހާ ބޮޑު އިގްތިސާދީ ކާރިސާ އަކާއި ލަންކާ އަށް ކުރިމަތިލާން ޖެހުމެވެ.

ބޭރު ޤައުމުތަކަށް ދަރާފައިވާ ލޯނުތައް ދައްކައި އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ލަންކާއިން މިހާރު އަންނަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބޭރު ފައިސާގެ ރިޒާވް މަދުވެ، ލަންކާގެ ދިރިއުޅޭ 22 މިލިއަނެއްހާ މީހުންނަށް މިއަހަރު ވަނީ އިގްތިސާދީ ބޮޑު ކާރިސާއަކާއި ކުރިމަތިލާންޖެހިފައެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ، ތެލާއި ކާބޯތަކެތި އަދި ގޭހާއި ބޭސް ލިބުން ވެސް ލަންކާއަށް ވަނީ ދަތިވެފައެވެ.