މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ ތުހުމަތުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއް ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ އިދާރާގެ އޮފިސަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާއި އެކުކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ޖަލަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ޝައްކުކުރެވިގެން ފުލުހުންނާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މި އޮފިސަރު މިހާރު ސަސްޕެންޑްކޮށްފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ފާހަގަކުރެއްވިއެވެ.
ޖަލަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފައިވަނީ ކަރެކްޝަންސްގައި ވަޒީފާ އަދާކުރާތާ 5 އަހަރު ވެފައިވާ މުވައްޒަފެކެވެ. އަދީ މީ އުމުރުން 23 އަހަރުގެ މީހެއްކަންވެސް ވަނީ އެނގިފައެވެ. މީނާ ހައްޔަރުކޮށްފައިވަނީ އޭނާ އެކަން ކުރާކަމުގެ މައުލޫމާތު ލިބިގެން ފާރަލުމަށްފަހުކަންވެސް އެނގިފައިވެއެވެ.
ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަރެކްޝަންސްގެ އޮފިސަރަކު ހައްޔަރުކުރި މީ ފުރަތަމަ ފަހަރެވެ. އައިލީ ބައްދަލުވުންތަކަށް އަންނަ ބައެއް މީހުން، ޖަލަށް ވެއްދުން މަނާތަކެތި އެތެރެކުރަން އުޅެނިކޮށް މީގެ ކުރިން އެތައް ފަހަރަކު ހައްޔަރުކޮށްފައިވެއެވެ.
ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ މިސަރވިސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފަ.
— Ahmed Mohamed (@ahumadhumohamed) November 21, 2022
ޖަލަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނާއި އިލެކްޓުރޯނިކް އާލާތްތައް އެތެރެކުރާކަމުގެ ވާހަކަތަކަކީ އާއްމު ވާހަކަތަކެވެ. އަދި އެކި މީހުންނަށް މަކަރާއި ހީލަތް ހަދައި ހިންގާ ސްކޭމް ކޯލްތައްވެސް އާއްމުކޮށް ކުރަނީ ޖަލުގައި ބަންދުކޮށްފައިވާ ގައިދީންކަމަށް ބުނެއެވެ.
ޖަލަށް ވެއްދުން މަނާތަކެތި ޖަލުން ފެންނަމުން ދާތީ އެކަމުގައި ކަރެކްޝަންސްގެ އޮފިސަރުންގެ އެއްވެސް ބައިވެރިވުމެއް އޮވޭތޯ އެ އިދާރާއިން އަބަދުވެސް ފާރަވެރިވަމުން އަންނަކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ. އަދި އުސޫލްތަކާއި ޤަވައިދާ ހިލާފު އެއްވެސް ކަމެއް އޮފިސަރެއްގެ ކިބައިން ފެނިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން އެ އޮފިސަރަކަށް ފިޔަވަޅު އަޅަމުން އަންނަކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.