ޚަބަރު

ތުރުކީ ވިލާތަށް ދިން ރޮކެޓް ހަމަލާތަކެއްގައި ތިން މީހުން މަރާލައިފި


ތުރުކީ ވިލާތާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ރަށެއް ކަމުގައިވާ ކަރްމަކިސްއަށް ރޮކެޓް ހަމަލާތަކެއް ދީ ތިން މީހުން މަރައިލައިފިއެވެ. ސޫރިޔާގެ ރަށެއް ކަމުގައިވާ ޖަރާބުލުސްއާ އިންވެގެން އޮންނަ ކަރްމަކިސްއަށް ހަމަލާދީފައި ވަނީ ސޫރިޔާއިންނެވެ. މި ހަމަލާތަކުގައި 10 މީހުން ޒަޚަމުވި ކަމުގައި ތުރުކީ ވިލާތުގެ އޮފިޝަލުން ބުނެއެވެ.

ރޮކެޓް ހަމަލާތައް އަރާފައި ވަނީ ސްކޫލަކާއި ޢާންމުންގެ ދެ ގެއަކާއި ދުއްވާ އުޅަނދަކަށެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނޭ ކަމުގައި ތުރުކީ ވިލާތުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވިއެވެ. އޭނާވަނީ، މި ހަމަލާތަކުގެ ރައްދުގައި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގައި ވިދާޅުވެ، އިންޒާރު ދެއްވާފައެވެ.

ނޮވެންބަރު 20ވަނަ ދުވަހު ވެސް ސޫރިޔާއިން ވަނީ ތުރުކީ ވިލާތަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ހަ ފުލުހުންނާއި ސިފައިންގެ ދެ މީހަކު ޒަޚަމުވި ކަމުގައި ތުރުކީ ވިލާތުން ބުނެއެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ސަރަޙައްދީ އިން ހުރަސް ކުރަން ބޭނުން ކުރާ ޗެކް ޕޮއިންޓްއަކަށެވެ.

ރޮކެޓް ހަމަލާތަކުގެ ކުރިން ތުރުކީ ވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ސޫރިޔާއާއި އިރާޤުގެ އުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 31 މީހުން މަރުވި ކަމުގައި، ސޫރިޔާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ކަމުގައިވާ ސީރިޔަން އޮބްޒަރވޭޓަރީ ފޯރ ހިޔުމަން ރައިޓްސްއިން ބުނެއެވެ.

ތުރުކީ ވިލާތުގެ ދިފާޢީ ވަޒީރު ޙުލުސީ އަކަރު ވިދާޅުވީ އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދީފައި ވަނީ ކުރުދިސްތާން ވަރކްސް ޕާޓީ (ޕީ.ކޭ.ކޭ)އާއި ކަރޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައި.ޕީ.ޖީ)ގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ކަމުގައެވެ.

ތުރުކީ ވިލާތުން ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދޭން ފަށާފައި ވަނީ އެ ޤައުމުގެ ވެރިރަށް އިސްތަންބޫލުގެ ކާރޫބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެއްގައި ދިން ޓެރެރިސްޓު ހަމަލާއަކާ ގުޅިގެންނެވެ. އިސްތިޤުލާލް އެވެނިޔުގައި ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވިއެވެ. އަދި، 81 މީހަކު ޒަޚަމުވިއެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ކުރުދީ ހަނގުރާމަވެރިން ކަމަށް ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ.

އިސްތިޤުލާލު އެވެނިޔުގައި ދިން ޓެރެރިސްޓް ހަމަލާއަކީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގައި ހިންގާފައިވާ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ. 2015އާއި 2017ވަނަ އަހަރާ ދެމެދު ވެސް ތުރުކީ ވިލާތުގައި ނުރައްކާތެރި ޓެރެރިސްޓް ހަމަލާތަކެއް ދީފައިވެއެވެ. އެ ހަމަލާތަކުގެ ފަހަތުގައި ވެސް ވަނީ ކުރުދީ ހަނގުރާމަވެރިންނާއި އައި.އެސް. ޖަމާޢަތުގެ ޓެރެރިސްޓުން ކަމަށް ތުރުކީ ވިލާތުން ޤަބޫލު ކުރެއެވެ.

ޕީ.ކޭ.ކޭ.އާއި ވައި.ޕީ.ޖީ.އަކީ ތުރުކީ ވިލާތާއި ހުޅަނގުން ވެސް ޓެރެރިސްޓް ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތްތަކެކެވެ. ނަމަވެސް، އިސްތިޤުލާކު އެވެނިޔުގައި ދިން ހަމަލާގައި ބައިވެރިވެފައި ނުވާނެ ކަމުގައި އެ ދެ ޖަމާޢަތުން ވެސް ދަނީ ބުނަމުންނެވެ. އެއްވެސް ފަރާތަކުން އަދި މިހާތަނަށް އެ ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

އިސްތިޤުލާލު އެވެނިޔުގައި ދިން ހަމަލާގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާ ތުރުކީ ވިލާތުން ވަނީ ހައްޔަރު ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ސޫރިޔާއަށް އުފަން އަންހެނެއް ކަމުގައިވާ އަލްހާމް އަލްބަޝީރެވެ. އޭނާއަކީ ޕީ.ކޭ.ކޭ.އާ ގުޅުން އޮންނަ މީހެއް ކަމުގައި ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ.