ޚަބަރު

ސްކޭމް ކޯލްތަކުގައި މުވައްޒަފެއްގެ ބައިވެރިވުމެއް މިހާތަނަށް ފާހަގަކުރެވިފައެއްނުވޭ: ބީއެމްއެލް


މިހާތަނަށް ރިޕޯޓުކޮށްފައިވާ ސްކޭމް ކޯލްތަކުގެ މައްސަލަތަކުގައި ބީއެމްއެލްގެ މުވައްޒަފެއްގެ އެއްވެސް ބައިވެރިވުމެއް ފާހަގަކުރެވިފައިނުވާކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

ބޭންކު އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އޮޅުވާލައިގެން ފައިސާ އަތުލަމުންދާ މައްސަލައިގައި މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަޒް، އެސް.އޯ.އީ ކޮމިޓީއަށް ވަނީ ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ. މި ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބޭންކުން ވަނީ ސްކޭމް ކޯލްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކޮށްފައެވެ.

މެމްބަރުން ވަނީ ސްކޭމް ކޯލްތަކުގައި ބޭންކުގެ ސްޓާފުންގެ ބައިވެރިވުން ހިމެނޭކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޗީފް ކޮމްޕްލައަންސް އޮފިސަރ މަރިޔަމް ހަމީދު ވަނީ ސްކޭމް ކޯލްތަކާއި ގުޅިގެން ހިންގާ ތަހުޤީގުތަކުގައި މިހާތަނަށް އެބޭންކުގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ފާހަގަކުރެވިފައިނުވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.

" ސްކޭމް ކޯލްއާއި ގުޅިގެން ބަލާނެ ސްޓާފެއްގެ އެއްވެސް އިންވޯލްމަންޓެއް އުޅޭތޯ، ވޭތުވެދިޔަ 6 ދުވަހުގެ ޑޭޓާ ބަލާނެ، އެކައުންޓަށް ވަނުމުގެ އެކްސެސްއާއި އެއްޗިއްސަކީ ކޮންޓްރޯލްކޮށްފައި ހުންނަ އެއްޗެއް، ބަލަންޖެހޭ އުސޫލުތަކުން ބަލާފައި، އަންގަންޖެހޭ އޮތޯރިޓީސްތަކަށް އަންގާފައި ހުންނާނީ، ސްކޭމެއްގެ ކަމެއްގައި 100 ޕަސަންޓު ޔަޤީންކަން ދެން ސްޓާފެއްގެ އިންވޯލްމަންޓެއް ނެތް" މަރިޔަމް ވިދާޅުވިއެވެ.

މަރިޔަމް ފާހަގަކުރެއްވިގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންގެ އަދަދުތައް ގިނަކަމަށާއި މިއާއެކު ގިނަ ފަހަރު ސްކޭމް ކޯލްތައްކޮށްފައި ވަނީ ބޭންކުގެ ކަސްޓަމަރުންނަށްކަމަށެވެ. އަދި އެހެން ބޭންކުތަކުގެ ކަސްޓަމަރުންނަށްވެސް ސްކޭމް ކޯލްތައް ކުރާކަމަށްވެސް މަރިޔަމް ވިދާޅުވިއެވެ.

" 5 ލައްކައަށްވުރެ ގިނަ އެކައުންޓު އަޅުގަނޑުމެންގެ އެބައޮތް، އެއްވެސް 2 ސްކޭމެއްގައެއް އެއް އެކައުންޓު ބޭނުންކޮށްފައެއް ނެތް، މިއީ އޮގަނައިޒްޑު ކްރައިމްތަކެއް މި ހިނގަނީ، ކޮންމެ ފަހަރަކު އިން އެކްޓިވޭޓުކުރީމައި އެ އެކައުންޓު އިންނާނީ އިންއެކްޓިވޭޓުވެފައި، އޮގަނައިޒް ޓީމެއް ހިނގާތީ ވަރަށް ބޮޑު ޓީމެއް އިންވޯލްވޭ، އެ ޓީމުން ބައިވެރިވެގެން ސްކޭމްތައް ހިނގަމުން އަންނަނީ އައު އެކައުންޓުތަކެއް އާ ސިމްތަކެއް ބޭނުންކުރަނީ،" މަރިޔަމް ވިދާޅުވިއެވެ.

ސްކޭމް ކޯލްތަކާއި އެކައުންޓުތައް ހެކު ކޮށްގެން ނަގާ ފައިސާތައް ޖަމާކުރަނީ އެކި އެކި އެކައުންޓުތަކަށް ކަމަށާއި އެއަށްފަހު ނަގުދު ފައިސާގެ ގޮތުގައި އޭޓީއެމްތަކުން ސްކޭމް ކޯލްކުރި ފަރާތްތަކުން އެ ފައިސާ ނަގާކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސިމްތައް މެދުވެރިކޮށް ހިންގާ ކޯލްތައް ހުއްޓުވުމަށްޓަކައި ފުލުހުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ސްކޭމް ކޯލުތައް ހުއްޓުވުމަށް 2196 މޯބައިލް ނަންބަރުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. އަދި 817 ފޯނުގެ އައި.އެމް.އީ.އައި ވަނީ ބްލެކްލިސްޓް ކުރެވިފައެވެ. މީގެއިތުރުން 12 ވެބްސައިޓެއް ބްލޮކް ކޮށްފައިވާއިރު، 8 އައިފީ އެޑްރެސް ވަނީ ބްލޮކް ކުރެވިފައިކަމަށް ފުލުހުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ.