ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބު ޒަކަރިއްޔާ ރިޓަޔަރ ކުރައްވަނީ


ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.

ހައިކޯޓުން ވިދާޅުވީ، ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ އެ ކޯޓުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށް ފަހު ފަނޑިޔާރު ޝުއައިބު މާދަމާ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށެވެ.

ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ޚާއްސަ ގާޟީކަމާއި، ފެމިލީ ކޯޓުގެ ޤާޟިކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޟީކަން ހިމެނެއެވެ. ފަނޑިޔާރު ޝުއައިބަކީ 1977 ވަނަ އަހަރު ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯވެސް ހައްދަވައިފައިވެއެވެ.

ފަނޑިޔާރު ޝުއައިބު ރިޓަޔަރ ކުރައްވަން ނިންމަވާފައިވާކަން އިއުލާންކުރައްވާފައި މިވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނިކޮށެވެ.

މިމަހުގެ 17 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ކުރި އިއުލާނުގައިވާގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ 25 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި ފަސް އަހަރު ފުރިހަމަވާންޖެހެއެވެ.

ހައިކޯޓު ފަނޑިޔާރުންގެ މުސާރައަކީ މަހަކު 54300ރ. އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.