ޚަބަރު

އަލިފާނުގެ ހާދިސާގައި ނިޔާވި އެންމެންގެ ހަށިތައް ގައުމަށް ފޮނުވާލައިފި


މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ނިޔާވި އެންމެންގެ ހަށިތައް، އެމީހުންގެ ޤައުމުތަކަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 9ވަނަ ދުވަހުގެ ރޭ، ހިނގި އަލިފާނުގެ ޙާދިސާގައި 10މީހުން ނިޔާވިއެވެ. އެމީހުންގެ ހަށިތައް ފެނުނު އިރު، ވަަރަށް ބޮޑަށް އަނދާ ހަށިގަނޑަށް ބޮޑެތި ގެއްލުންތައްވަނީ ވެފައެވެ. މީގެތެރޭގައި މީހުން ދެނެގަތުމާއި، ޖިންސު ވަކި ނުވާވަރަށް ގެއްލުންވެފައިވާ ހަށިތައްވެސް ހުއްޓެވެ.

މި ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެއީ އިންޑިއާ 8 މީހުންނާއި، ބަންގްލަދޭޝްގެ 2 މީހުންނެވެ. ބަންގްލަދޭޝް މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ފިރިހެނެކެވެ.

މި ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާ 4 އަންހެނުންނެވެ.

މިކަމުގެ ތަޙުޤީގުތައްކުރުމަށާއި، މީހުން ދެނެގަތުމުގެ މަސައްކަތް ކުރުމުގެ އިތުރުން އެމީހުން ގައުމަށް އަނބުރާ ފޮނުވާލެވެންދެން ހަށިތައް ބަހައްޓާފައި ހުރީ ގަލޮޅު މޯޗަރީގައެވެ. މީގެތެރެއިން އިންޑިއާއަށް ނިސްބަތްވާ 8 މީހުންގެ ހަށިގަނޑު ފޮނުވާލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފުލުހުން ވިދާޅުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންގެ ހަށިގަނޑުވެސް މިހާރު އެ ޤައުމަށް ފޮނުވާލާފައިވާކަމަށެވެ.

އަލިފާނުގެ ޙާދިސާގައި ފިހުނު އެކަކު އަދިވެސް އޮތީ، ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް އައިޖީއެމް ހޮސްޕިޓަލްގައެވެ. އެމީހާއަށް ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް އައިޖީއެމްއެޗްއިން ވިދާޅުވީ، މިހާރު އެމީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހި ގެއަކީ 2 ފަންގިފިލާއަށް ހުރި ގެއެވެ. އެ ގޭގެ އެންމެ ތިރީގައި ދިޔައީ ގަރާޖެއް ހިންގަމުންނެވެ. އަދި މަތީ ދެ ފަންގިފިލާފައި، ޕާޓިޝަން ޖަހާ އެކި ގޭބިސީތަކަށް ބިދޭސީން ދިރިއުޅެމުންދިޔައެވެ. ފުލުހުން ވިދާޅުވީ، އެއިން ކޮންމެ ކޮޓަރިއެއްގައި ގޭސް ފުޅިވެސް ހުރިކަމަށެވެ. މިހާދިސާގައި މިހާތަނަށް އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިހާ ބޮޑު ޙާދިސާއެއްގެ ގޮތުގައި މިކަން ހިންގަން މެދުވެރިވީ، އެ އިމާރާތުގައި ގިނަ ގޭސްފުޅިތަކެއް ހުރުމުގެ ސަބަބުންނެވެ. އަދި އެ އިމާރާތަކީ ލަކުޑިން ހަދާފައިވާ އިމާރާތަކަށްވުމެވެ.

މި ޙާދިސާ ފުލުހުންނާ ކަމާގުޅުންހުރި އިދާރާތަކުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

އަލިފާނުގެ ހާދިސާއަށްފަހު ނިރުފެހިގެ ސާފުކޮށް މިހާރުވަނީ ނިންމާލާފައެވެ. މި މަސައްކަތް ކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓްރަކްޗަރގެ ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓުން.