ޚަބަރު

ދަޢުލަތުން ބަލަހައްޓަމުންދިޔަ 94 ކުއްޖަކު އަނބުރާ މުޖުތަމަޢުއަށް


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 94 ކުދިން ފާއިތުވި 4 އަހަރުގެ ތެރޭގައި، އެކުދިންގެ ޢާއިލާތަކާއި ޙަވާލުކޮށް މުޖުތަމަޢާއި ގުޅުވައިދެވިއްޖެކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ 4 އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބިކުދިން ބެލެހެއްޓުމުގައި ޢަމަލުކުރަމުންއާއި ގޮތަށް ގެންނެވި ބަދަލުން ނެރެވުނު ރަނގަޅު ނަތީޖާއެއްކަމަށެވެ.

ލާމަރުކަޒީ ސިޔާސަތަކީ، ސަރުކާރުގެ އެންމެ މުހިއްމު އެއްސިޔާސަތެވެ. މަރުކަޒުވެފައި ހުރި އެތައް ކަމެއް ލާމަރުކަޒީ އުސޫލުން އަތޮޅުތެރެއަށް ބަހާލުމުގެ ސިޔާސަތާއެކު، ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދިޔަ ކުދިން ބެލެހެއްޓުމުގެ އުސޫލަށްވެސްވަނީ ބޮޑު ބަދަލެއް ގެންނަވާފައެވެ. އެގޮތުން ދައުލަތުން ބަލަހައްޓަމުންދިޔަ ކުދިންނާއި ގުޅުންހުރި އުސޫލަށް ގެނައި އެއް ބަދަލަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓައި، އިޖުތިމާޢީ ރައްކާތެރިކަމާއި ޚިދުމަތް ދިނުމުގައި ރަށްރަށުގެ ކައުންސިލްތަކުން ބޮޑު ދައުރެއް އަދާކުރަންޖެހޭ ގޮތަށް ބަދަލުކުރުމެވެ.

ސަރުކާރުން މިވޭތުވެދިޔަ 4 އަހަރުގެ ކާމިޔާބީ އާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޙާސިލްކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދިރިއުޅުމަށް ގެނެވުނު ބަދަލުކަމަށެވެ. މިނިސްޓަރ ޢައިޝާ ވިދާޅުވީ ކުދިން ބަލަހައްޓަމުންދިޔަ ކުޑަކުދިންގެ ހިޔާގައި 2019 ގައި ތިބި 51 ކުދިން އައު އުސޫލުގެ ދަށުން އަތޮޅުތެރެއަށް ބަދަލުކޮށްފައިވާކަމަށެވެ.

ޢާއިލީ ވެއްޓެއް ޤާއިމުކޮށްދިނުމަށްޓަކައި، އެކުދިންގެ އެއްބަނޑު އެއްބަފާ ކުދިންގެ ތެރެއިން ފިޔަވަތީގައި ތިބި ކުދިންވެސް އަތޮޅުތެރެއަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފާތުވި 4 އަހަރު ތެރޭގައި ސަރުކާރުން ރީއިންޓަރގްރޭޝަންއަށް ކުރި މަސައްކަތުން އެކުދިންގެ ތެރެއިން 94 ކުއްޖަކު މިހާރު ރީއިންޓަރގްރޭޓް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރޭގައި ޢާއިލާގާތަށް ދިޔަ ކުދިންނާއި މުޖުތަމަޢާއި ގުޅުނު ކުދިން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރަށްރަށަށް ކުދިން ފޮނުވާއިރު އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން، އެއްވެސް މަރުކަޒެއްގައި 18 ނުވަތަ 20 ކުދިންނަށްވުރެ ކުދިން އިތުރު ނުކުރަން. މިއީ ކަންނޭނގެ ކުދިންގެ އުޅުމަށް އެންމެ ބޮޑު ބަދަލެއް ގެނެވުނު އެއްސަބަބަކީ." މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ ކުދިން ރީއިންޓަރގްރޭޓްކުރުމުގައި އެންމެ ދަތިވަނީ އުމުރުން 18 އަހަރުވުމުން އެކުއްޖަކު މުޖުތަމަޢަށް ނެރުމަށްކަމަށެވެ. އެއީ އެކުދިންނަށް މުޖުތަމަޢުއިން ކުރިމަތިވާނެ ކަންކަމާއިމެދު ޖެހިލުންވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު ފިޔަވަތީގައި 130 ކުދިން ތިބިކަމަށެވެ. އެހެންނަމަވެސް ކުދިންނަނަށް ބޭނުންވާ ގިނަ ފުރުޞަތުތަކާއެކު ގިނަ ޢަދަދެއްގެ ކުދިން އަނބުރާ މުޖުތަމައުއަށް ނެރެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދައުލަތަށް ކުއްޖަކު ނަގަން އެދިއްޖެނަމަ އެކުއްޖަކު ދައުލަތަށް ނެގުމުގެ ބަދަލުގައި، އެންމެ ބޮޑު އިސްކަމެއްދެނީ ޢާއިލާތެރެއިން އެކުއްޖަކު ބަލާނެ މީހަކު ހޯދުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަމުންދިޔަ ކުޑަކުދިންގެ ހިޔާ ބަންދުކޮށް މިހާރު ކުދިންވަނީ އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ އަމާންވެށިތަކަށް ބަދަލުކޮށްފައެވެ. މިގޮތުން ހއ.ދިއްދޫއާއި ށ.ފުނަދޫއާއި، ބ.އޭދަފުއްޓާއި، ދ.ކުޑަހުވަދޫ އާއި ފުވައްމުލައް ސިޓީގައިވަނީ އަމާންވެށިތައް ޤާއިމުކޮށްފައެވެ. މުޖުތަމަޢުގައި އެހެންކުދިންނަށްވެސް ހުރި ފުރުސަތުތައް ލިބިދިނުމުގެ މަގުފަހިވެގެން ދިޔުމާއެކު އެކުދިންގެ އުޅުމަށާއި މިޒާޖަށް ހެޔޮބަދަލެއް އަންނަމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަދި މިއީ އެންމެގެ ޒިންމާއެއްކަން މުޖުތަމަޢުތަކުން ބަލައިގަންނަމުންދާކަން ޖެންޑަރ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.