ޚަބަރު

ތަމްރީންގެ އެތައް ޕްރޮގްރާމަކާއެކު ޒުވާނުންނަށް އެތައް ހާސް ވަޒީފާގެ ފުރުޞަތުތަކެއް


ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖޭގެ މަސައްކަތު އާބާދީ އަކީ 181،144 އެވެ. މި ޢަދަތުތަކާއެކު ފަސްލައްކައަށްވުރެ ބޮޑު އާބާދީގެ ތެރެއިން އަދިވެސް ވަޒީފާއެއް ނެތި ގިނަ ބަޔަކު ތިބިކަމީ ޤަބޫލުކުރަންޖެހޭ ހިތި ހަޤީޤަތެއްކަމެވެ.

މި ހަޤީގަތާއި ކުރިމަތިލައި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން ވެފައިވަނީ ވޭތުވެދިޔަ ސަރުކާރުތަކަށް ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމާ ޙަވާލުވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ވަޒީފާގެ ބާޒާރު ތަނަވަސްކުރުމަށެވެ.

އެންމެ ކުޑަ އުޖޫރަ ކަށަވަރު


ވަޒީފާގެ ބާޒާރަށް ދިވެހީން ނެރުމަށްޓަކައި، އެންމެ މުހިންމު އެއް ކަމަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވީ ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެ. އެކަމަކަށްޓަކާ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ޤާނޫނުން އެންމެ ކުޑަ އުޖޫރަ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅި އެކަންވެސް މިހާރު ދަނީ ތަންފީޒު ކުރަމުންނެވެ.

މި ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ 13000 ދިވެހި މުވައްޒަފުންނަށާއި، ސަރުކާރުގައި މަސައްކަތްކުރާ 15400 މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ 5100 މުވައްޒަފުންނަށް ލިބުނީ އުއްމީދާއި ހިތްހަމަޖެހުމެވެ.

މުޅި ދުނިޔެ އެ ބަލިމަޑުކަމެއްގެ ރާޅު ދަށުގައި ގެނބިގެންދިޔަ ކޯވިޑް19 ގެ ސަބަބުން ދިވެހި އިޤްތިޞާދަށްވެސް ހީނުކުރާފަދަ ލޮޅުމެއް އެރިއެވެ. ކޯވިޑް19ގެ އަސަރު އެންމެ ހިތްދަތިގޮތަށް ކުރީވެސް ދިވެހި މަސައްކަތްތެރިންނަށެވެ.

ރެޔާ ދުވާލު މަސައްކަތްކޮށްގެން ދިރިއުޅުން ހަމަޖައްސަމުންދިޔަ އެކި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް ކޯވިޑް19 ވީ ތުރާލަކަށެވެ. ނަމަވެސް އެ ހައްސާސް ވަގުތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރު ނުކުތީ މަސައްކަތްތެރިންނާ ވަޒީފާތައް އަދާކުރާ މުވައްޒަފުންގެ ހައްޤުގައެވެ. އާމްދަނީއަށް ކުރި އަސަރުން ދިވެހި މުވައްޒަފުންނާއި މަސައްކަތްތެރިންގެ ދިރިއުޅުން އިނދަޖެހުނަ ނުދޭށެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޯގަސްޓުމަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 45 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވެއެވެ.

މުސާރައަށް ކުރިއެރުން

އިޤްތިޞާދީ ބޮޑު އަނދަވަޅުގަނޑެއްގެ ތެރޭގައި ތިބި ނަމަވެސް ޤައުމުގައި ތިބި މަސައްކަތްތެރިންގެ މަސައްކަތުގެ އަގު ވަޒަންކޮށްގެން މެނުވީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ނުލިބޭނެކަމަށް ރައީސުލްޖުމްހީރިއްޔާ ދެކެވަޑައިގެންނެވިއެވެ.

އެގޮތުން މިއަހަރު ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިއްވެވީ ތާރީޚީ ރިޔާސީ ބަޔާނެކެވެ. ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އެތައް ހާސް މުދައްރިސުންގެ ޒަމާންވީ ޝަކުވާއަށް ނިމުން ގެންނެވިއެވެ. ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި، 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުކުރެއްވިއެވެ.

ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް އިޤްތިޞާދީ މާހިރުން ޤަބޫލުކުރައްވާ ފަލްސަފާއަކީ އެ ޤައުމެއްގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުން އިތުރުވުމެވެ. ރާއްޖެއަށްވެސް އޮތީ މި އުޞޫލެވެ. އެގޮތުން ސަރުކާރުން އިސްކަމެއް ދެއްވީ ދިވެހިރާއްޖޭގައި ވަޒީފާތައް އުފެއްދެވުމަށެވެ. މިކަމަށްޓަކައި ޒުވާނުންނަށް ވަޒީފާތައް ތަޢާރަފްކުރައްވަން ފެއްޓެވިއެވެ. ސަރުކާރުގެ އެކި އިދާރާތަކުގެ ދޮރުތައް ކިޔަވައިގެން ނުކުންނަ ކުދިންނަށް ހުޅުވާލެއްވުމަށް ނިންމެވިއެވެ.

އެތައް ހާސް ވަޒީފާއަކާއި ތަމްރީނެއް

2021 ވަނަ އަހަރު ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތް ފައްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ކޮންމެ ރަށެއްގެ ކައުންސިލާ ގުޅިގެން، ކޮންމެ ރަށެއްގައި އޭގެ ޑެސްކެއް ބެހެއްޓުން. އަދި މޯބައިލްކޮށް އެ މަސައްކަތް ކުރިއަށް ފަށައިގަތުން. އަޅުގަނޑު މި ދެންނެވި ފަދައިން، މި ޖޮބް ސެންޓަރުގެ ބޭނުމަކަށް ވެގެންދާނީ، ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓްރީ ކުރުން. ހަމައެއާއެކީގައި، ވަޒީފާއަށް މީހުން ބޭނުންވާ ފަރާތްތައް، ކުންފުނިތަކުންވެސް ވަޒީފާ ހުރިކަން މީގައި ރަޖިސްޓްރީ ކުރުން. އޭރުން ވަޒީފާ ބޭނުންވާ ފަރާތަށް، ހުރީ ކޮން ވަޒީފާތަކެއްކަން، ހުހަށްހުރީ ކޮން ވަޒީފާތަކެއްކަން އެނގިގެންދާނެ."

މި އަމާޒު ހާސިލުކުރެއްވުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުގައި ޒުވާނުންނަށް ތަމްރީނާ ތަޖުރިބާގެ ފުރުޞަތުތައް ހުޅުވައިލެއްވިއެވެ. އެގޮތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް 2021 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފުކުރިއެވެ. ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތުތައް ސަރުކާރުން ހޯދައިދިނެވެ. ވަޒީފާތަކަށް މީހުން އަހުލުވެރިކޮށް ތަމްރީންދިނުމަށްޓަކާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ހިންގިއެވެ. އެގޮތުން ހިންގި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 20 ހާހަށްވުރެ ގިނަ ޒުވާނުން ތަމްރީނުކުރިއެވެ.

ވޭތުވެދި ދިޔަ 4 އަހަރަކީ ދިވެހި ރާއްޖޭގެ މަސައްކަތްތެރިންނަށް ނުވަތަ ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންނަށް އުފާވެރިކަމާ ހިނިތުންވުން ގެނުވި 4 އަހަރެވެ. 18600 އަށްވުރެ ގިނަ ވަޒީފާ ދިވެހިރާއްޖޭގައި އެ ހަތަރު އަހަރުތެރޭގައި ވަނީ އުފައްދާފައެވެ. އެކަން ފެންނަ އޮތީ ޕެންޝަން އޮފީހުގެ ރަސްމީ ތަފާސްހިސާބުތަކުގައެވެ.

މިއީ 18600 ދިވެހިންނާ ގުޅުންހުރި އެތައް ހާސް އާއިލީ މެންބަރުންގެ ފުދުންތެރިކަން އިތުރުވީކަމެކެވެ. ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 20 ހާހަށްވުރެ ގިނަ ޒުވާނުން ތަމްރީނުވުމަކީއެ ޒުވާނުންގެ ބެލެނިވެރިންނަށް ހިތްހަމަޖެހުން ގެނުވި ކަމެކެވެ.