ވިޔަފާރި

އެމްއެސްއެސްގެ ދަތުރުތައް ބެންކޮކް އަދި ޗައިނާއަށް


މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްސްގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފުޅާކޮށް، ތައިލެންޑާއި ޗައިނާއިން ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނީގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. އެމްއެސްއެސްގެ އަމިއްލަ 3 ބޯޓެއް މިހާރު އެބައޮތެވެ. އެއީ ކޮންޓެއިނަރ 2 ބޯޓާއި، 44000 ޓަނުގެ ބަލްކް ކެރިއަރއަރއެކެވެ.

ބަލްކް ކެރިއަރ ދަތުރުކުރަނީ ދުބާއީއާއި މާލެއާއި ދެމެދުއެވެ. އެއީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ގެނައުމަށެވެ. ކޮންޓެއިނަރ 2 ބޯޓު ބޭނުންކުރަނީ ކޮލަންބޯ މާލެ އަދި ސިންގަޕޫރު މާލެއާއި ދޭތެރޭ މުދާ އުފުލުމަށެވެ.

ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ އިތުރު ސެކްޓަރތަކާއި ރާއްޖެއާއި ގުޅުވާލުންކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ހުރިހައި މުދަލެއް އެއްވެސް ދަތިކަމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް އަމްރު ވިދާޅުވިއެވެ.

އެމްސްއެސްއެސްގެ މަސައްކަތް ފެށީ ކޯވިޑްގެ އެންމެ ދަތި ހާލަތުގައިކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ޝިޕިންގެ ޚިދުމަތް ފުރަތަމަ ފަށައިގަތްއިރު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތުގައި ރާއްޖެއަށް ބޭނުންވާ ގިނަ ތަކެތި ގެނެވުނީ އެކުންފުނީގެ ބުރަ މަސައްކަތުންކަން އަމްރު ފާހަގަކުރެއްވިއެވެ.

"މިކަން އަޅުގަނޑުމެން ފެށީ 2020 ވަނަ އަހަރުގެ އެޕްރީލްމަހު. އެނގިވަޑައިގަންނަވާނެ 2020 ވަނަ އަހަރުގެ އޭޕްރީލްމަހު މާލެ ލޮކްޑައުންވެސް ކުރީ. އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން އުޅުނުއިރު ބައެއް މީހުން ވަރަށް ކީ ދުނިޔެ ބަންދުވެފައި އޮންނަކަހަލަ ދަނޑިވަޅެއްގައި ޝިޕިން ލައިނެއް އުފެއްދުމަކީ މޮޔަކަމެކޭ އިނގޭތޯ. ދެން އެކަމަކު އަޅުގަނޑުމެންނަށް ވިސްނުނީ އެހެން ގޮތަކަށް. އެހެންވީމަ އަޅުގަނޑުމެން އެކަން ކުރީ. ކުރީމަ ލޮކްޑައުންވެފައި ޤައުމުތައް އޮތް އިރުވެސް ރާއްޖެއަށް ބޭނުންވާ މުދާ އެތެރެ ކުރުމުގައިވެސް އަޅުގަނޑުމެންނަށް ފަސޭހަކަމެއް ލިބިގެންދިޔަ. ކާޑު ހޯދަންވެސް އަޅުގަނޑުމެންގެ ބޯޓު އޮތީމަ ނައްޓާލައިގެންގޮސް ބޭނުންތާކުން އަޅުގަނޑުމެންނަށް ގެނެވުނު." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް އަމިއްލަ ޝިޕިން ލައިނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ކުރިއަށްއޮތް ތަނުގައި ބަލަނީ ރާއްޖެ ނޫން އެހެން ރޫޓްތަކުގައިވެސް އެމްއެސްއެސްއިން އޮޕަރޭޓްކުރަން ފެށުމަށްކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން ވަރަށް އަވަށް ތައިލެންޑުގެ ބެންކޮކާއި ޗައިނާއަށް އެކުންފުނީގެ ދަތުރުތައް ފަށާނެކަމަށާއި، އަދި އެ މަންޒިލްތަކުން ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ދަތުރުތައް ދުބާއީއަށް އެބަ ކުރޭ. ކޮލަންބޯއަށް އެބަކުރޭ. ޕޯޓްކްލާންގް އެބަކުރޭ. ސިންގަޕޯރއަށް އެބަކުރޭ. ދެން ކުރިއަށްއޮތް ތަނުގައި އަޅުގަނޑުމެން އިންކްލޫޑް ކުރާނަން ބެންކޮކް، ޗައިނާވެސް. ދެން އޮންނާނެ ގޮތަކީ ޔޫރަޕުން އަންނަ ވެސަލްތައް ސިންގަޕޫރަށް އައީމަ ކަނެކްޓްކޮށްގެންވެސް އަޅުގަނޑުމެންނަށް އެބަ ގެނެވޭ. އެމްއެސްއެސްއިން މިހާރު ސޮއިކޮށްފައި އެބަހުރި ދުނިޔޭގެ އެންމެ ބޮޑެތި ޝިޕިން ލައިނާރސްތަކާއި އެކީގައި. އެހެންވީމަ ދުނިޔޭގެ ނެޓްވޯކް އެމްއެސްއެސްއާއި ގުޅިފައި އެއޮތީ." އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސްގެ މަސައްކަތްތައް ފުޅާކޮށް މުދާ އެތެރެކުރަން ބޭނުންކުރާ ކޮންޓެއިނަރަތަކުގައިވެސް ވަނީ އެކުންފުނީގެ ނަން ބޭނުންކުރަން ފަށާފައެވެ. އަދި އެކުންފުންޏަކީ ކުރު މުއްދަތެއްގެ ތެރޭގައި ފައިދާވާ ކުންފުންޏަކަށް ހަދާފައިވާކަންވެސް އަމްރު ފާހަގަކުރެއްވިއެވެ. އެމްއެސްއެސްގެ ޚިދުމަތްތައް ފުޅާކުރުމަށް، މި ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.