ވިޔަފާރި

ބޯޑަރ މައިލްސް ޕްރޮގްރާމްގައި 9 ލައްކަ ފަތުރުވެރިން


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގައި 900،000 ފަތުރުވެރިން ބައިވެރިވެއްޖެއެވެ. މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާގުޅިގެން، ފަތުރުވެރިން ރާއްޖެ އައުން ހުއްޓި، އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. އިމިގްރޭޝަނުން ވިދާޅުވީ، މިއީ މި 4 އަހަރުގެ ތެރޭގައި އިމިޤްރޭޝަނަށް ޙާސިލްކުރެވުނު ވަރަށް މުހިންމު ކަމެއްކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ދަށުން ކުރިއަށް ގެންދާ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުން ބުނެފައިވަނީ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް 9 ލައްކަ ފަތުރުވެރިން ބައިވެރިފައިވާ ކަމަށެވެ. މިއީ މި ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވްސް ބޯޑަރ މައިލްސްއިން ވަނީ ފާހަގަކޮށްފައެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑްއެވެ. ބޯޑަރ މައިލްސްއަށް ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮފަރތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން ބޯޑަރ މައިލްސްގެ އެންމެ މަތީ ދަރަޖައަށް ވާސިލްވުމުން މާމަހި އެގްޒެކެޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި އަދި ރެސްޓޯރަންޓްތަކުން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި ޕްރޮގްރާމް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން އެކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި އަގޯޑާ މެދުވެރިކޮށް ބުކިންހަދާ ފަރާތްތަކަށް ބޯޑަރ މައިލްސް ޕްރޮގްރާމުގައި ޕޮއިންޓް ހޯދުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.