ޚަބަރު

ސިދާތުގެ "މިޝަން މަޖްނޫ" ނެޓްފްލިކްސްއަށް


ސިދާތު މަލްހޯތުރާ އާއި ރަޝްމިކާ މަންދަނާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "މިޝަން މަޖްނޫ" އޯޓީޓީ ގައި ރިލީޒްކުރަން ނިންމައިފިއެވެ. މި ފިލްމު ރިލީޒްކުރާނީ ނެޓްފްލިކްސް އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ނަމަވެސް މިކަން ރަސްމީކޮށް ޕްރޮޑަކްޝަން ޓީމުންވެސް އަދި ނެޓްފްލިކްސް އިންވެސް ކަށަވަރެއްނުކޮށްދެއެވެ.

"މިޝަން މަޖްނޫ" އަކީ ޕާކިސްތާނުގައި ހިންގާ އިންޑިއާގެ ރޯ އޮޕަރޭޝަންގެ މައްޗަށް އުފައްދާ ސްޕައި ތުރިލަރ ފިލްމެކެވެ.

މި ފިލްމު އޯޓީޓީގެ ރިލީޒްކޮށްފިނަމަ، މި ފިލްމު ވާނީ އޯޓީޓީގައި ރިލީޒްކުރާ ސިދާތުގެ ދެވަނަ ފިލްމަށެވެ. އޯޓީޓީގައި ރިލީޒްކުރި އޭނާގެ ފުރަތަމަ ފިލްމަކީ ޕްރައިމް ވީޑިއޯ އިން ރިލީޒްކުރި "ޝޭރްޝާހް" އެވެ. ލޯބިވެރިޔާ ކިއަރާ އަދުވާނީ އާއެކު ސިދާތު ފެނުނު މި ފިލްމަކީ ހިޓެކެވެ.

ސިދާތު އެންމެ ފަހުން ފެނުނީ މިދިޔަ އޮކްޓޫބަރު މަހު 25 ވަނަ ދުވަހު ރިލީޒްކުރު ފިލްމު "ތޭކްން ގޯޑް" އެވެ. ސިދާތުގެ އިތުރުން އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތް ސިންގްވެސް މި ފިލްމުން ފެނުނެވެ. މި ފިލްމަށް ކްރިޓީކުންގެ ފަރާތުން ރަނގަޅު ރިވިއުތަކެއް ލިބުނުނަމަވެސް ކޮމެޑީ ޑްރާމާއެއް ގޮތަށް ގެނެސްދިން މި ފިލްމަކީ މާ ކާމިޔާބު ފިލްމެއް ނޫނެވެ.

ސިދާތު މިހާރު ދަނީ ރޯހިތް ޝެޓީ ޑައިރެކްޓްކުރާ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓިންގެ މަސައްކަތްކުރަމުންނެވެ. މި ވެބް ސީރީޒްގައި ސިދާތުގެ އިތުރުން ޝިލްޕާ ޝެޓީވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.