ޚަބަރު

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


ވާޖިން އެޓްލާންޓިކް އެއަރވޭސްގެ ދަތުރުތައް އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރެންސަންގެ މަޝްހޫރު އެއަރލައިން، ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ލަންޑަންގެ ހީތުރޯ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދަތުރުތައް ފަށާނީ އަންނަ އަހަރުގެ އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހުކަމަށް އެއެއަރލައިނުން ހާމަކުރެއެވެ.

މިހާރުވެސް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު އެއަރލައިނުންވަނީ ހުޅުވާލާފައެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 9-787 މަރުކައިގެ އެއަރކުރާފްޓެކެވެ. މީގައި 31 އަޕާ ކްލާސް، 35 ޕްރިމިއަމް އިކޮނޮމިކް އަދި 192 އިކޮނޮމީ ކްލާސް ގޮނޑި ހުންނާނެއެވެ.

ރާއްޖެއަށް ފެށުމަށް ނިންމާފައިވާ ދަތުރުތަކާއި ގުޅޭގޮތުން އެ އެއަރލައިންގެ ޗީފް ކޮމަރޝިއަލް އޮފިސަރ، ޖޫހާ ހާވިނެން ވިދާޅުވީ، ރާއްޖެއަކީ ވާޖިން އެޓްލާންޓިކް ހޮލިޑޭސް ކަސްޓަމަރުންގެ މެދުގައި މަޤުބޫލު މަންޒިލެއްކަމަށެވެ. އެހެންކަމުން ވާޖިންގެ ފްލައިޓުތަކުގައި ރާއްޖެއަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލުމުން އެފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން ޖޫހާ ފާހަގަކުރެއްވިއެވެ.

ވާޖިން އެޓްލާންޓިކް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާއިރު، އިނގިރޭސިވިލާތުގެ ޤައުމީ އެއަރލައިން، ބްރިޓިޝް އެއަރވޭސް އިން ވެސް އަންނަނީ ދަތުރުތައް ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ އެއް ޤައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.4 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 12.3 އިންސައްތައަކީ އިނގިރޭސިވިލާތުން އައި ފަތުރުވެރިންނެވެ. މިއާއެކު އެ ޤައުމުވެފައިވަނީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަށެވެ.