ދުނިޔެ

ރަޝިޔާއާއެކު ސޫރިޔާއިން އޮޕަރޭޝަން ހިންގަނީ ކުރުދީންނަށް އެހީވާން


ރަޝިޔާގެ ވައިގެ އެހީގައި ސޫރިޔާ ސިފައިން އެގައުމުގެ އުތުރުގައި މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ، ކުރުދީ ހަނގުރާމަވެރިންނަށް ބޭނުންވާ ހަނގުރާމައިގެ ކޮރިޑޯއެއް ނުވަތަ މަގެއް ތަނަވަސްކޮށްދިނުން ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން ވިދާޅުވީ، ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީންގެ ޑިމޮކްރެޓިކް ޔުނިޔަން ޕާޓީއާއި އެޕާޓީއަށް ނިސްބަތްވާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްތަކަކީ، ސޫރިޔާ ސަރުކާރުގެ މަސްލަހަތު ހިމާޔަތްކުރާ ހަނގުރާމަވެރި ޔުނިޓް ތަކެއް ކަމަށެވެ. އުރުދުޣާން މިމޭރުމުން ވާހަކަ ދެއްކެވީ އަންކަރާގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ. އުރުދުޣާން ވިދާޅުވީ ސޫރިޔާގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައިވާ ކުރުދީންގެ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްތަކުގެ އަމާޒުތަކަށް ތުރުކީ ސިފައިން ދާދިފަހުން ދިން ޙަމަލާތަކަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ޙަމަލާތަކެއް ކަމަށެވެ. މިޙަމަލާތައް ދިނީ ކުރުދީ ހަނގުރާމަވެރިންގެ ފަރާތުން ތުރުކީވިލާތަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގެ ގޮތުންކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. ތިން ދުވަސްވަންދެން ތުރުކީ ސިފައިން ދިން މިޙަމަލާތަކުގައި ކުރުދީންގެ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްތަކުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރާލާފައެވެ. އދ. ގެ ސަލާމަތީ މަޖިލީހުންވަނީ ތުރުކީވިލާތުގެ މިޙަމަލާތަކާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. މިމައްސަލާގައި ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމަޖިލީހުގެ ރައީސް އަދި އދ. ގައި ހުންނަވާ ވެނެޒުއެލާގެ ދާއިމީ މަންދޫބު ވަނީ ތުރުކީވިލާތުގެ މި ޙަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ޙަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ. ސަލާމަތީ މަޖިލީހުގެ އިތުރުން އެމެރިކާއިންވެސް ވަނީ ތުރުކީވިލާތުގެ މިޙަމަލާއާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ތުރުކީވިލާތުގެ ޙަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ކުއްލި ޖަލްސާއެއް ބޭއްވީ ރަޝިޔާގެ އެދުމުގެ މަތިންނެވެ. މީގެއިތުރުން ސޫރިޔާ ސަރުކާރުންވެސްވަނީ ތުރުކީވިލާތުން ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް ތިން ދުވަސްވަންދެން ދިން ޙަމަލާތަކަކީ ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައި ގަތުމުގެ އަމަލެއްކަމަށް ސިފަކޮށް ތުރުކީވިލާތް ކުށްވެރިކޮށް އދ. އަށް ސިޓީއެއް ފޮނުވާފައެވެ. އދ. އާއި ތުރުކީވިލާތުގެ ރަހްމަތްތެރި ގައުމުތަކުން ތުރުކީވިލާތުގެ އަމަލުތައް ކުށްވެރިކުރުމުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ މިކަމާމެދު ހިތާމަކުރައްވާ ކަމަށެވެ. އަދި ކުރުދީންގެ ޑިމޮކްރެޓިކް ޔުނިޔަން ޕާޓީގެ ސިޔާސީ ގޮތްޕާއި އެޕާޓީގެ ދަށުން ހަރަކާތްތެރިވާ ކުރުދީންގެ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްތަކަކީ ސޫރިޔާ ގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ އުފެއްދުމެއްކަމަށާ މިދެ ޖަމާއަތަކީވެސް ޓެރަރިސްޓް ދެ ޖަމާއަތް ކަމަށް އުރުދުޣާން ސިފަކުރެއްވިއެވެ. "ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރަޝިޔާއާ ގުޅިގެން ސޫރިޔާގެ ވެރިކަމުގެ ނިޒާމުން މިހާރު ކުރިޔަށްގެންދާ އަނިޔާވެރި އޮޕަރޭޝަންތަކުގެ ބޭނުމަކީ އާންމުން މެރުން، އަދި ކުރުދީންގެ ޑިމޮކްރެޓިކް ޔުނިޔަން ޕާޓީއަށާއި އެޕާޓީން ކޮންޓްރޯލްކުރާ ކުރުދީންގެ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް ގެ ހަނގުރާމަވެރިންނަށް ހަނގުރާމައިގެ ކޮރިޑޯއެއް ނުވަތަ މަގެއް ތަނަވަސްކޮށްދިނުން." އުރުދުޣާން ވިދާޅުވިއެވެ. ރަޝިޔާގެ ވައިގެ އެހީއާއެކު ސޫރިޔާގެ އުތުރުގައި ސޫރިޔާ ސިފައިން ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ އެތަށް ހާސްބަޔަކުވަނީ ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައެވެ. މިބައިމީހުން ތުރުކީވިލާތުގެ އެތެރެއަށް ވަނުމުގެ ހުއްދަ ތުރުކީ ސަރުކާރުން ނުދިނުމުން އެމީހުންވަނީ އދ. ން ތައްޔާރުކޮށްދީފައިވާ ވަތުގީ ފޭލިގެތަކެއްގައި ތުރުކީވިލާތުގެ ސަރަހައްދީ ރޮނގުގެ ސޫރިޔާ ގެ ފަޅީގައި ތިބެންޖެހިފައެވެ.