ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
Alert white for strong winds and rough seas pic.twitter.com/CK9bA2xKK9
— Maldives Meteorology (@MetMaldives) November 18, 2022
މޫސުމާބެހޭ އިދާރާއިންވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. މިގަޑިތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިންވަނީ ހާމަކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ހިމެނޭ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.
މެޓު އޮފީހުން ބުނީ އާންމުކޮށް ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާ 6 ފޫޓާ ދެމެދުގައިކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވޭތުދިޔަ 24ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑްކޮށްފައިވަނީ ފ.ނިލަންދޫއަށެވެ. އެ ރަށަށް 110.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.