ޚަބަރު

ޕައިލެޓުކަމާއި އެއަރކްރާފްޓް މެއިންޓަނަންސް ހިމެނޭހެން 4 ސްކޯލާޝިޕްގެ ފުރުޞަތު ހިލޭ


ހަތަރު މީހަކަށްދޭ ސަރުކާރުގެ ހިލޭ ސްކޮލަރޝިޕް ފުރުޞާތާއެކު، ނެޝަނަލް ސްކިލް އެންޑް ކެރިއަރ އެކްސްޕޯ މިއަދު ފަށާނެއެވެ. މި އެކްސްޕޯއަކީ މަތީ ތަޢުލީމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާއި، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމަށް ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ.

މި އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމަ، ހުޅުމާލެ ސެންޓްރަލް ޕާކުގައި، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 00:00އަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މި އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ، ކޮލެޖުތަކާއި ކުންފުނިތަކާ ބައްދަލުވެ، އެމީހުންގެ މަޢުލޫމާތު ވީހާވެސް ގާތުން ލިބޭނެ ގޮތް ފަހިކޮށްދިނުންކަމަށެވެ.

މިއަދު ފަށާ އެކްސްޕޯގައި އެކިއެކި ވަޒީފާ ހުރި ފުރުޞަތުތަކާ މަސްޢޫލިއްޔަތުތަކާއި އަދި މުސާރައާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުން ކުރިއަށްދާނެއެވެ.، އަދި އެކްސްޕޯގެ ތެރެއިން، މިވަގުތު ހުރި އެކިއެކި ވަޒީފާގެ ފުރުޞަތަކަށް ވަގުތުން އިންޓަވިއު ކުރުންވެސް ކުރިއަށްދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވަޒީފާތަކަށް ފުރުޞަތު ހުޅުވާލާއިރު އެ ވަޒީފާތަކުގެ މަސްޢޫލިއްޔަތުތަކާ އާމްދަނީ ނޭނގުމަކީވެސް، އެ ފުރުޞަތުތަކަށް މީހުންގެ ޝައުގުވެރިކަން ކުޑަވާ ކަމެއްކަމަށެވެ. މި އެކްސްޕޯގައި ބައިވެރިވާ މީހުންގެ ތެރެއިން، ގުރުއަތުން ހޮވޭ 4 މީހަކަށް ރާއްޖެއިން ބޭރުން ހިލޭ ކިޔެވުމުގެ ފުރުޞަތެއް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ 3ޤައުމަކުން، 4 ދާއިރާއަކުން ހުޅުވާލާގައިވާ ފުރުޞަތެވެ.

"މިއީ މުޅިން ހިލޭ ދޭ ސްކޮލަރޝިޕް ފުރުޞަތެއް. މީގަ މި ހިމެނެނީ ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓްކަމުގެ ކޯސް، ޖޯޑަންގައި އެއަރކްރާފްޓް މެއިންޓަނަންސް ކޯސް، މެލޭޝިއާގައި ކަލިނަރީ އަރޓްސް އަދި އިންޓީރިއަރ ޑިޒައިންގެ ދާއިރާއިން ޑިޕްލޮމާގެ ފުރުޞަތު. މި ފުރުޞަތަށް ގުރުއަތުން ހޮވޭ މީހާއަށް، އެހެން މީހަކަށްވެސް އެ ފުރުޞަތު ދެވިދާނެ." މިނިސްޓަރ ވިދާޅުވިއެވެ.


ގުރުއަތުން ހޮވޭ ސްކޮލަޝިޕް ފުރުޞަތުގައި އެއް އަހަރުތެރޭގައި ސްކޮލަރޝިޕަށް ފުރަން ޖެހޭނެއެވެ.

މި އެކްސްޕޯގައި، ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކާއި ކަމާގުޅުންހުރި ބައެއް މިނިސްޓްރީތަކުން ވެސް ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 30 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެއެވެ. މިއީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.