ޚަބަރު

އެމްޓީވީ ޔޫރަޕް މިއުޒިކް އެވޯޑެއް އަރުމާން މާލިކަށް


"ބޯލު ދޯ ނާ ޒަރާ"، "ޖަބް ތަކް" އަދި "ޖަލެ އާ ނާ" ފަދަ ރީތި އެތައް ލަވަތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިންޑިއާގެ ލަވަކިޔުންތެރިޔާ އަރްމާން މާލިކަށް އެމްޓީވީ ޔޫރަޕް މިޔުޒިކް އެވޯޑުގެ "ބެސްޓް އިންޑިއާ އެކްޓް" އެވޯޑު ލިބިއްޖެއެވެ. މި އެވޯޑު އަރުމާނަށް ލިބުނީ އޭނާގެ އިނގިރޭސި ސޯލޯ "ޔޫ" އަށެވެ.

މިއީ މި އެވޯޑު އަރުމާނަށް ލިބުނު 2 ވަނަ ފަހަރެވެ. މީގެކުރިން އޭނާ ކިޔާފައިވާ "ކޮންޓްރޯލް" އަށް ހަމަ މި ކެޓެގަރީގެ އެވޯޑު 2020 ވަނަ އަހަރު ވަނީ ހޯދާފައެވެ.

ޖަރުމަނުވިލާތުގައި ބާއްވާފައިވާ މި އެވޯޑު ހަފްލާއަށް އަރުމާނު ވަނީ ގޮސްފައެވެ. ހަފްލާގައި އެނާއަށް ވޯޓުދިން އެންމެންނަށް އަރުމާނު ވަނީ ޝުކުރު އަދާކޮށްފައެވެ.

އުމުރުން 27 އަހަރުގެ އަރުމާނު ފުރަތަމަ ލަވަ ކީ 2006 ވަނަ އަހަރު ދެއްކި "ސަރެ ގަ މަ ޕާ ލިޓްލް ޗޭޕްސް" ގައެވެ. ނަމަވެސް 8 ވަނަ އާއި ހަމައަށް ދިއުމަށް ފަހު އަރުމާނަށް ޖެހުނީ އެ މުބާރާތުން ވަކިވާށެވެ.

10 އަހަރު ދުވަސް ވަންދެން ޕްލޭބެކް މިއުޒިކް ދަސްކުރުމަށްފަހު އަރުމާން ލަވަކީ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2007 ވަނަ އަހަރު ދެއްކި "ތާރޭ ޒަމީން ޕަރް" އެވެ. ޗައިލްޑް ސިންގާއެއް ގޮތުގައި އަރުމާން އެ ފިލްމަކީ ކީ "ބަމް ބަމް ބޯ ލޭ" އެވެ.

އަރުމާނުގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "މޭ ހޫން ތޭރާ ހީރޯ"، "މޭ ރަހޫން ޔާ ނާ ރަހޫން"، "ތުމޭ އަޕްނާ ބާނާނޭ ކާ" އަދި "ޕެހެލާ ޕިޔާރު" ހިމެނެއެވެ.