ޚަބަރު

ރައީސްގެ އަނބިކަނބަލުން "ވުނަދާނަ ފެސްޓިވަލް" ބައްލަވާލައްވައިފި


"ވުނަދާނަ ފެސްޓިވަލް"އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޒިޔާރަތްކުރައްވައިފިއެވެ.

އާޓިފިޝަލް ބީޗްގައި ކުރިއަށްދާ ވުނަދާނަ ފެސްޓިވަލްއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ މަސައްކަތްތަކާއި އެތަނުގައި ޢާއްމުކޮށްފައިވާ އުފެއްދުންތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށްގެންދާ މިފެސްޓިވަލްއަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ކެޓަގަރީއަށް ފެތޭ ހުރިހާ ވިޔަފާރިތަކަކަށް އަމާޒުކޮށް ބާއްވާ ފެސްޓިވަލްއެކެވެ. މިފެސްޓިވަލް މިރޭ 11 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ޖުމްލަ 60 ވިޔަފާރިއެއް ގިނަ ވިޔަފާރިތަކުން މިޙަރަކާތުގައި ބައިވެރިވެފައިވާ ކަމަށް ބީސީސީއިން ބުނެއެވެ. އޭގެތެރޭގައި ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ކުޑަކުދިންވެސް މި ފެސްޓިވަލްގައި ބައިވެރިވެފައިވާކަމަށް ބީސީސީއިން ބުނެއެވެ.

ބީސީސީއިން ބުނީ "ވުނަދާނަ ފެސްޓިވަލް"ގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ވިޔަފާރިތަކާއި ގުޅުންހުރި އެހެން ކުންފުނިތަކުންވެސް އެ ފަރާތްތަކުގެ ސްޓޯލްތައް ބަހައްޓައިގެން މައުލޫމަތު ފޯރުކޮށްދެމުންދާކަމަށެވެ. މި ސްޓޯލްތަކުން އެ މުއައްސަސާތަކުން ފޯރުކޮށްދޭ ވިޔަފާރިއާއި ގުޅުންހުރި ޚިދުމަތްތަކާއި ފުރުސަތުތަކުގެ މައުލޫމާތު ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

ބީސީސީން ވަނީ މީގެކުރިން، ގެވެށި ވިޔަފާރިތަކަށް އަމާޒުކޮށްގެންވެސް ފެސްޓިވަލްއެއް ބާއްވާފައެވެ. އެ ޙަރަކާތަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށް ބީސީސީން ބުނެއެވެ. އަދި އެ ފެސްޓިވަލްއަށް ލިބުނު ތަރުޙީބަށް ބަލައި ގިނަ ވިޔަފާރިތަކަކުން މިފަދަ ބޮޑު ޙަރަކާތެއް ބޭއްވުމަށް އެދިފައިވާކަމަށްވެސް ބީސީސީން ބުނެއެވެ.