ސިއްހަތު

އިންޑިއަން ހައިކޮމިޝަނުން ބޭއްވި ހެލްތް އެކްސްޕޯ ނިންމާލައިފި


އިންޑިއަން ހައިކޮމިޝަނުން އިންތިޒާމްކޮށްގެން އެޤައުމުގެ 18 ހޮސްޕިޓަލަކުން ވިއްސައްވުރެ ގިނަ ސްޕެޝަލިސްޓުން ބައިވެރިވި އިންޑިއާ ހެލްތު އެކްސްޕޯ ނިންމާލައިފިއެވެ.ޢާއްމުންނަށް ހުޅުވާލައިގެން ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯއަށް ހާހެއްހާ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ހާމަކުރެއެވެ. އިންޑިއަން ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހެލްތް އެކްސްޕޯ އާއްމުންނަށް ހުޅުވުމާއެކު ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އެކްސްޕޯއަށް ޒިޔާރަތްކުރިނަމަވެސް އުންމީދު ކުރިވަރަށް ޢާއްމުންގެ ތަރުޙީބު އެކްސްޕޯއަށް ލިބިފައިނުވާ ކަމަށް އެފަރާތުން ހާމަކުރެއެވެ.ހަމައެހެންމެ އުއްމީދުކުރަނީ އަންނަ އަހަރުވެސް މިފަދަ އެކްސްޕޯއެއް ރާއްޖޭގައި ބޭއްވޭނެ އިންތިޒާމް ހަމަޖެހިގެންދިއުން ކަމަށް އިންޑިއަން ހައިކޮމިޝަނުން ހާމަކުރިއެވެ. އިންޑިއާގެ މަޝްހޫރު ނަވާރަ ހޮސްޕިޓަލަކުން ޚާއްޞަ ޑޮކްޓަރުން މިއެކްސްޕޯގައި ބައިވެރިވިއެވެ. އެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ދޭ ޚާއްޞަ ޚިދްމަތްތަކާބެހޭ މަޢުލޫމާތު ސްޓޯލްތަކަށް ޒިޔާރަތްކުރި އާއްމުންނަށް ވަނީ ދީފައެވެ.މި އެކްސްޕޯގައި ބައިވެރި ހޮސްޕިޓަލުތަކުން ދޭ ޚިދްމަތްތަކަށް ބަލާއިރު، ވަގުތުން އެހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހެދުމާއި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ފަރުވާތަކުގެ މަޢުލޫމާތު އެ ފަރާތްތަކާ ޙިއްޞާކޮށްފައިވެއެވެ.  މި އެކްސްޕޯގައި އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި އަނަންތަޕޫރީ ހޮސްޕިޓަލާއި މަނިޕާލް ހޮސްޕިޓަލާއި ރަޖާން ޑެންޓަލް އާއި އެންޔޫ ހޮސްޕިޓަލާއި ކިމްސް ހޮސްޕިޓަލާއި ބަސަވަންތަރަމް އިންޑިއާ އެމެރިކަން ކެންސަރު ހޮސްޕިޓަލް ފަދަ މަޝްހޫރު ހޮސްޕިޓަލްތަކުން ބައިވެރިވިއެވެ.