ޚަބަރު

އާމްދަނީ އިތުރުކުރަން ޓެކްސް ބޮޑުކުރުން އަވަސްކުރަންޖެހޭ: ވޯލްޑް ބެންކު


ރާއްޖޭގެ އާމްދަނީ އިތުރުކުރަން ވިހާވެސް އަވަހަށް ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށް ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ޒާވޯސް ވިދާޅުވެއްޖެއެވެ.

ފާރިސް މިހެން ވިދާޅުވެފައި މިވަނީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސަންޓަށް އިތުރުކުރާނެއެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމިއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ސަރުކާރުން ޓެކްސް ބޮޑުކުރުމަށް ނިންމި، ނިންމުމަށް ތާއިދުކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ އިދާރާކަމަށްވާ ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ޒާވޯސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމުގެ ސަބަބުން ރާއްޖޭގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓު ދަށްވެފައިވާކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އާމްދަނީ އިތުރު ކުރުމަށް ޓެކްސް ބޮޑުކުރުމަކީ ގެނެވޭނެ ހެޔޮ ބަދަލެއްކަމަށް ފާރިސް ވިދާޅުވިއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި ޔޫރަޕާއި އެމެރިކާގައި އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޓްރަސްޓް ރޭޓްތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން މާލީ އެހީތައް ހޯދުމުގައި ވަރަށް ބޮޑަށް ދޮރުތައް ވަނީ ބަންދުވެފައެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ލޯނާއި އެހީ ލިބުން ދަތިވުމުން، އެތެރެއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ގޮތްތަކެއް ހޯދަންޖެހޭކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.