ޚަބަރު

"އާސްކް އޭޑީކޭ"ގެ ނަމުގައި ސިއްޙީ ދާއިރާއަށް ޚާއްސަ ޕްރޮގްރާމެއް ޕީއެސްއެމްއިން


އޭޑީކޭ ހޮސްޕިޓަލުން "އާސްކް އޭޑީކޭ"ގެ ނަމުގައި ސިއްޙީ ދާއިރާއަށް ޚާއްސަ ޕްރޮގްރާމެއް ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ. މި ޕްރޮގްރާމް ދައްކާނީ ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.

މިކަމުގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދުއެވެ. އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އައްފާލްއެވެ.

"އާސްކް އޭޑީކޭ"އަކީ، މުޖުތަމަޢުގައި ހުރި އެކިއެކި ސިއްޙީ މައްސަލަތަކާއި ގުޅޭގޮތުން، އާއްމުން ހޭލުންތެރިކުރުމާއި ހޮސްޕިޓަލެއްގެ މަސައްކަތްތައް ދައްކުވައިދޭގޮތަށް، އޭޑީކޭގެ އިސްނެގުމަށް ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

ޕީއެސްއެމްއާ އޭޑީކޭއާއި ދެމެދު އެއްބަސްވެފައިވަނީ އާސްކް އޭޑީކޭގެ 2 ސީޒަން ގެނައުމަށެވެ. ކޮންމެ ސީޒަނެއްގައި 12 އެޕިސޯޑް ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން، އޭޑީކޭއިން ތައްޔާރުކުރާ މިޕްރޮގްރާމް ދެއްކުމާއި ޕްރޮގްރާމް އިޝްތިހާރުކުރުމުގެ މަސައްކަތް ޕީއެސްއެމްއިން ކުރާނެއެވެ.

އޭޑީކޭގެ އެމްޑީ އަޙުމަދު އަފްއާލް ވިދާޅުވީ މި ސީޒަންތައް ގެންނާނީ ޑޮކިއުމެންޓްރީ ސްޓައިލަށްކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، އޭޑީކޭގެ ޚިދުމަތްތަކާއި، ޑޮކްޓަރުންނާއި، ސިއްޙީ ބޮޑެތި ޚިދުމަތްތައް ތަޖުރިބާކޮށްފައިވާ އާއްމުންގެ ވާހަކަތައް ގެނެސްދޭނެކަމަށެވެ. އަދި މެޑިކަލް އޮޕަރޭޝަންތައް ކުރިއަށްދާގޮތާއި، ޑޮކްޓަރުންގެ ވާހަކަތައްވެސް ހިމެނޭނެއެވެ. ޕްރޮގްރާމްގެ ހުރިހާ ޝޫޓިންތަކެއް ކުރިއަށްގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

ޕްރޮގްރާމް ފަށާ ތާރީޚް އަދި އިޢުލާންކޮށްފައެއް ނުވެއެވެ.