ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ދައްޗަކީ ޚިދުމަތްތަކަށް ވާޞިލުވުމަށް ހުރި ހުރަސްތައް: މިނިސްޓަރ


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ޚިދުމަތްތަކަށް ވާޞިލުވުމަށް ހުރި ހުރަސްތައް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްގުތައް ކަށަވަރު ކުރުމާއި ގުޅޭގޮތުން ބޭއްވި "ރިވެލި ފޯރަމް 2022"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރިވެލި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކަށަވަރުކުރުމަށް ހުރިހާ އިދާރާތަކެއް އެކައްޗެއް ކިޔަންޖެހޭކަމަށެވެ. އެގޮތުން އެފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ޚިދުމަތްތަކަށް އެކްސެސްވުމަށް ނުވަތަ ވާޞިލްވުމަށް ކުރިމަތިވެފައިވާ ހުރަސްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޢިމާރާތްތަކަށް ވަނުމުގައާއި ޢާއްމު އިޖުތިމާޢީ ކަންކަމުގައި ޝާމިލުވެ އުޅުމުގައި ދިމާވަމުންދާ ހުރަސްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ޖެންޑަރ މިނިސްޓަރ ވިދާޅުވީ މިހާރު ކުރަމުންދާ އެންމެ މުހިއްމު އެއް މަސައްކަތަކީ ލާމަރުކަޒީ އުސޫލުގެ ދަށުން އަތޮޅުތެރޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލްތައް މެދުވެރިކޮށް ދިނުމުގެ މަސައްކަތްކަމަށެވެ. އަދި މީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ފަރުވާ ދެވޭނެ މީހުން ތަމްރީންކުރުމުގެ މަސައްކަތް ޔުނިސެފާއި ގުޅިގެން ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއވަމުން ޖެންޑަރ މިނިސްޓްރީގެ ޑިސްއެބިލިޓީ ރައިޓްސް އެންޑް ވެލްބީންގ ޑިވިޝަންގެ ޑިރެކްޓަރ ޢައިޝަތު ސިޔާނާ ވިދާޅުވީ "ރިވެލި ފޯރަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ ފޯރަމެއްކަމަށެވެ.

"ޖެންޑަރ މިނިސްޓްރީއަށް އެކަނި މިފަރާތްތަކުގެ ޙައްގުތައް ކަށަވަރެއް ނުކުރެވޭނެ. އެހެންކަމުން ކަމާއި ގުޅޭ ހުރިހާ ފަރާތެއް ގުޅިގެން މިމަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން ފޯރަމްގެ ބޭނުމަކީ." ސިޔާނާ ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ހިމެނޭހެން ބޭއްވި މިފޯރަމްގައި 23 ފަރާތަކުންވަނީ ބައިވެރިވެފައެވެ. ފޯރަމް ކުރިއަށްގެންދިޔަ 4 ދާއިރާއަކުން މަޢުޟޫތައް ކަނޑައަޅައިގެންކަމަށެވެ.

އޭގެތެރޭގައި ރަސްމީ ތަޢުލީމު ފެށުމުގެ ކުރިން ނުކުޅެދުންތެރިކަން ހުންނަކަން ދެނެގަތުމުގެ ނިޒާމެއް ޤާއިމުކުރުމާއި ގުޅޭގޮތުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކުރުން ހިމެނެއެވެ. މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވާ މުޖުތަމަޢުގެ ހިއްސާއަކަށް ހެދުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރެއިން ދޮށީ ޢުމުރުގެ މީހުންނަށް މިހާރު ބޭނުންވާ އެހީތެރިކަން ދެނެގަނެ އެކަންކަން ފޯރުކޮށް ދިނުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މިފޯރަމްގައިވަނީ މަޝްވަރާކޮށްފައެވެ.