ވިޔަފާރި

ޖޮބް ސެންޓަރުގެ ޙިދުމަތްތަކަށް އެދި 47000 އަށްވުރެ ގިނަ އެޕްލިކޭޝަން


ޖޮބް ސެންޓަރ މެދުވެރިކޮށްދޭ އެކިއެކި ޙިދުމަތަކަށް މިހާތަނަށް 47000 އަށްވުރެ ގިނަ ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެއްޖެއެވެ.

ޖޮބް ސެންޓަރަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެކެވެ.

ޖޮބް ސެންޓަރއަކީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އަދި އޭގެ އިތުރުން ތަމްރީނާއި ތައުލީމުދޭ މުވައްސަސާތައް ގުޅުވާލަދޭ އޮންލައިން ޕްލެޓްފޯމްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި މައުލޫމާތުތައް އެއްކޮށް ދިރާސާކޮށް އެ މައުލޫމާތުތައް ދިވެހިންނަށް ދަނީ ފޯރުކޮށްދެމުންނެވެ. މި ޕޯޓަލްގެ ޙިދުމަތް ދެނީ ޖޮބް ސެންޓަރގެ ވެބްސައިޓް jobcenter.mv މެދުވެރިކޮށެވެ.

ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ޝާއިޢުކުރުމުގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓަރ ވެގެން ވަޒީފާތަކަށް އެޕްލައި ކުރެވޭނެކަމަށް ޖޮބް ސެންޓަރއިން ވިދާޅުވެއެވެ. އަދި އޭގެ އިތުރުން ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތައްވެސް ޖޮބް ސެންޓަރުން އަންނަނީ ސަރުކާރުގެ ހަރަދުގައި ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، އަދި އަޕްސްކިލިންގ ޕްރޮގްރާމްތައްވެސް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޖޮބް ސެންޓަރގެ ސީނިއަރ މެނޭޖަރ އައިޝަތު ލީޒާ ވިދާޅުވީ، ޖޮބް ސެންޓަރ މެދުވެރިކޮށްދޭ އެކިއެކި ޙިދުމަތްތަކަށް މިހާތަނަށް 47000 އަށްވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށައަޅާފައިވާކަމަށެވެ. މީގެތެރޭގައި މިއަހަރު ފެށި ގަވަމަންޓް ފަންޑެންޑް ޓްރެއިނިންގ، އެޕްރެންޓިޝިޕް ޕްރޮގްރާމްތައް އަދި ސެލްފް އެންޕްލޯއިޑް ސަޕޯޓް ޕްރޮގްރާމްގެ އިތުރުން ވަޒީފާތަކަށް އެޕްލައިކުރި ފަރާތްތައް ހިމެނޭކަމަށެވެ.

މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މިހާތަނަށް 3000 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް ލީޒާ ވިދާޅުވިއެވެ. އަދި މީގެއިތުރުން ވަޒީފާ ހޯދާ ފަރާތްތަކުގެ ގޮތުގައި 7000 އަށްވުރެ ގިނަ ފަރާތްތައް ޖޮބް ސެންޓަރގެ ޕޯޓަލްގައި ރަޖިސްޓަރ ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީފާ ބޭނުންވެގެން ވަޒީފާ ހޯދާ ފަރާތްތަކުގެ ގޮތުގައި އަޅުގަނޑުމެންގެ ޖޮބް ސެންޓަރގައި މިވަގުތު 7000 އަށްވުރެ ގިނަ ފަރާތްތައް ރަޖިސްޓްރީވެގެން ވަޒީފާ ހޯދާ ފަރާތެއްގެ ގޮތުގައި ޕޯޓަލްގައި އެބަ ހަރަކާތްތެރިވޭ. އަދި މީގެއިތުރުން އަޅުގަނޑުމެން މި ކުރިއަށްގެންދާ އަޕްސްކިލިންގ ޕްރޮގްރާމްތަކާއި އަދި އަޅުގަނޑުމެންގެ އެޕްރެންޓިޝިޕް ޕްރޮގްރާމްތަކުގެ އިތުރުން އަޅުގަނޑުމެން މި ފަހުން މިފެށި ސެލްފް އެންޕްލޯއިޑް ގްރާންޓް އެޕްލިކޭޝަނަށް އަޅުގަނޑުމެންގެ މި ޙިދުމަތައް އެދި ޖުމްލަ އެބައުޅޭ 15000 އަށްވުރެ ގިނަ ފަރާތްތައް ކުރިމަތިލާފައި." ލީޒާ ވިދާޅުވިއެވެ.

ޖޮބް ސެންޓަރުން ވިދާޅުވީ، އެ ސެންޓަރުގެ ޕޯޓަލް މެދުވެރިކޮށް އިއުލާންކޮށްފައިވާ ވަޒީފާތަކަށް މިހާތަނަށް 11935 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާކަމަށެވެ. އާންމު ގޮތެއްގައި ވަޒީފާއަށް އެދި ހުށައަޅަނީ އުމުރުން 18 އަހަރާއި 24 އަހަރުގެ ޒުވާނުންނެވެ. ޖޮބް ސެންޓަރުން ފޯރުކޮށްދޭ އެހެން ޙިދުމަތްތަކަށް އެދި އެކި އުމުރު ފުރާގެ މީހުން ހުށައަޅައެވެ. އެގޮތުން 20 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ޖޮބް ސެންޓަރގެ އެކިއެކި ޙިދުމަތްތަކަށް އެދި ހުށައަޅާކަމަށް ޖޮބް ސެންޓަރުން ވިދާޅުވެއެވެ.

ޖޮބް ސެންޓަރުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް އަދި ވަކިން ޙާއްސަކޮށް ސްކޫލް ނިންމާ ވަޒީފާގެ ބާޒާރަށް ނިކުންނަ ކުދިންނަށް ފޯރުކޮށްދިނުމަށްވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 42 ރަށަކަށް ދަތުރުކޮށް އެރަށްރަށުގެ ސްކޫލްތަކުގައި ކިޔަވާ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް ސެޝަންތައް ކުރިއަށްގެންގޮސްފައިވާކަމަށް ޖޮބް ސެންޓަރުން ވިދާޅުވެއެވެ.