ޚަބަރު

މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ނަގައިދޭން ޤާނޫނުގައި ހިމަނަނީ


މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރުނުވާ ގޮތަށް ޢަމަލުކުރާނަމަ ޖޫރިމަނާކޮށް، އަނިޔާ ލިބޭ ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭނެ ގޮތްތައް، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގައި ސަރުކާރުން ހިމަނައިފިއެވެ.

މަސައްކަތުގެ މާހައުލުގައި ސިއްހީ ރައްކާތެރިކަމުގެ ބިލު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲއެވެ. މި ބިލަކީ މަސައްކަތްތެރިން މަަސައްކަތް ކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހަމަހަމަ އަދި ދެމެހެއްޓެވި ނިޒާމެއް ޤާއިމްކޮށްދޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަގްސަދުގައި ހުށައަޅުއްވާފައިވާ ބިލެކެވެ.


މި ބިލުގައި މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވާރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލެއް އެކުލަވާލަން ވާނެކަމަށް ބުނެފައިވެއެވެ. 13 މެންބަރުން ހިމެނޭ އެ ކައުންސިލްގެ މަސްޢޫލިއްޔަތުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ފަންނީ ލަފަޔާއި އިރުޝާދު މިނިސްޓަރަ ދިނުން ހިމެނެއެވެ. އަދި މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުމާއި، މަސައްކަތުގެ މާހައުލާއި ގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލަވާލުމުގައި ލަފާދިނުންވެސް ކައުންސިލްގެ ޒިންމާގެ ތެރޭގައިހިމެނެއެވެ. އަދި މި ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ޑިރެކްޓަރ ޖެނެރަލެއް ކަނޑައެޅުންވެސް މި ބިލުގައި ހިމަނާފައިވެއެވެ.

މިކައުންސިލްގައި ހިމެނޭ މެންބަރުންގެ ތެރޭގައި މަސައްކަތްތެރިން ތަމްސީލްކުރާ މެމްބަރުންނާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލް ކުރާ މެމްބަރުންނާއި، ހެލްތު މިނިސްޓްރީގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާނެއެވެ.

އެކައުންސިލުގެ އިތުރު ޒިންމާތަކުގެތެރޭގައި މަސައްކަތުގެ މާހައުލުގައި އެކްސިޑެންޓެއް ހިނގައިފި ހިނދެއްގައި އެކަން ތަހުގީގް ކުރުން ލާޒިމްކޮށްފައިވެއެވެ. އެގޮތުން ހެލްތު އެންޑް ސޭފްޓީ އިންސެޕެކްޝަނެއް ކައުންސިލުން ހިންގަންވާނެކަމަށާއި، ކުރާ ތަހްގީގްގެ މައްޗަށް އެކުލަވާލާ ރިޕޯޓް ޑިރެކްޓަރ ޖެނެރަލަށް ފޮނުވަން ވާނެކަމަށް ބުނެފައިވެއެވެ. އަދި އެކްސިޑެންޓެއް ނުވަތަ ހާދިސާއެއް ހިނގުމަށްފަހު، އެކަމުގެ ތަހުގީގް ނުނިމެނީސް އަދި ކަމާގުޅުންހުރި ފަރާތްތަކުގެ އެންގުމާއި ޚިލާފަށް އެތަނަށް ބަދަލެއް ގެނެސްފިނަމަވެސް ޖޫރިމަނާކުރެވޭނެ ގޮތްތައް މި ބިލުގައި ތަފްސީލްކޮށްފައިވެއެވެ. އެގޮތުން އެފަދަ ޢަމަލެއް ހިންގައިފިނަމަ އެފަރާތެއް އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވިދާނެކަމަށް ބުނެފައިވެއެވެ.


މި ބިލުގައި ހިމަނާފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ވަނީ ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމާ އާއި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޒިންމާތައްވެސް ތަފްސީލްކޮށް ބަޔާންކޮށްފައެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި، މަސައްކަތްކުރާ ތަނުގައި އެއްވެސް މީހެއްގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ 25،000ރ އިން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން ވަޒީފާދޭ ފަރާތްތަކަށް އެއްބާރުލުން ދިނުމާއި، ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ ގޮތަށް ބޭނުންކުރުމާއި، މަސައްކަތްތެރިން އަމަލުކުރަން ޖެހޭ މިނޫން ވެސް ގޮތްތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ އެއްވެސް ކަމަކާ ޚިލާފު ވެއްޖެނަމަ ވަޒީފާ އަދާކުރާ މީހާ 1،000ރ އިން ޖޫރިމަނާކުރާނެ ކަމަށް ބިލުގައިވެއެވެ.

މަސައްކަތްކުރާތަން ހިންގާ ފަރާތްތަކުގެ ޒިންމާތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި މަސައްކަތްކުރާތަނުގައި އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް އަސަރެއްކޮށްފާނެ، ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނުން ފަރާތެއްވާނަމަ، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދޭންވާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކުން ޢަމަލުކުރަން މި ބިލުގައި ހިމަނާފައިވާކަމަކާއި ޚިލާފުވެއްޖެނަމަ ފަންސާސް ހާސް ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވޭނެކަމަށްވެސް ބިލުގަި ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވާގޮތުގައި ބައެއް މަސައްކަތްތައް ކުރުމަށް ޑިރެކްޓަރ ޖެނެރަލްގެ ހުއްދަ ހޯދަންވެސް ޖެހެއެވެ. އަދި ހުއްދަ ދޫކުރެވޭނެ މުއްދަތުތައްވެސް ޑިރެކްޓަރ ޖެނެރަލް ކަނޑައަޅަންވާނެކަމަށް ބިލުގައި ތަފްސީްކޮށްފައިވެއެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ނަގައިދެވޭ ޚަރަދާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ބަދަލު ލިބިދީފައި ނުވާނަމަ ދައުވާކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.