ޚަބަރު

މަސްތުވާތަކެތީގެ އައު ބާވަތެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލާގަނެފި


މީގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައި ނުވާ މަސްތުވާތަކެތީގެ ބާވަތެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލާގަނެފައިވާކަަމަށެވެ. ކަސްޓަމްސް އިން ވިދާޅުވީ، މި ތަކެތި އަތުލާގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ބަހްރެއިން އިން ރާއްޖެ ގެނެސްފައިވާ ޕަރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ. މިގޮތުން މިއަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބަލާ ފާސްކުރި ޕާރުސަލުގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތޯފަންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަމަފަހަރުކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

އަތުލާގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ބައި ކިލޯ ކުރިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.