ޚަބަރު

ކާނެ އެއްޗެއްނެތި މަގުމަތީ ނިދަންވެސް ޖެހުނު: މިތުން


އެހެން މީހުންނެކޭ އެއްގޮތަށް އޭނާއަށްވެސް ހަޔާތުގައި ވަރަށް އުނދަގޫ ދުވަސްތަކެއް ވޭތުކުރަން ޖެހުނު ކަމަށް ބޮލީވުޑް ތަރި މިތުން ޗަކުރުވެދީ ބުނެފިއެވެ.

މިތުން މިގޮތަށް ބުނެފައި ވަނީ ޒީ ޓީވީގެ "ސަރެ ގަ މާ ޕާ ލިޓްލް ޗޭމްޕްސް" ޝޯވގައި ވާހަކަދައްކަމުންނެވެ. މިތުން ބުނިގޮތުގައި އޭނާގެ ހަމުގެ ކުލަޔާއި ހެދި ވަރަށް ގިނަ އަހަރުތަކެއް ވަންދެން އޭނާއަށް މީހުން އިޚްތިރާމްކުޑަކޮށް ފާޑު ކިޔާފައިވެއެވެ. އަދި އެތައް ރެއަކު ރޮމުން ނިދާ ކަމަށާއި އެއްފަހަރު ކައިފި ނަމަ އަނެއް ފަހަރު ކާނެ އެއްޗެއް ނުވަތަ ނިދާނެ ތަނަކާމެދު ވިސްނި ދުވަސްތައްވެސް މާޒީވެ ގޮސްފައިވާ ކަމަށް މިތުން ބުންޏެވެ.

ކިތަންމެ ރެއަކު މީހުން ހިނގާ ޕޭމަންޓު މަތީގައި ނިދާފައި ވާނެ ކަމަށްވެސް މިތުން އިތުރަށް ބުންޏެވެ. އޭނާގެ މައްޗަށް ބަޔޯޕިކް އެއް އުފައްދަން ބޭނުން ނުވަނީ މި ސަބަބުތަކާއިހެދި ކަމަށްވެސް މިތުން ބުންޏެވެ. އޭނާގެ ވާހަކައިން އެއްވެސް މީހަކު އިންސްޕަޔާ ނުވާނެ ކަމަށްވެސް މިތުން ބުންޏެވެ.

މިތުން ފިލްމީ ކެރިއަރު ފެށީ 1976 ވަނަ އަހަރު ދެއްކި އާޓް ހައުސް ޑްރާމާ "މިރްގާޔާ" އިންނެވެ. މި ފިލްމުން އޭނާއަށް ވަނީ ޤައުމީ އެވޯޑުވެސް ލިބިފައެވެ. އޭގެފަހުން 1980 އާއި 1990 ގެ އަހަރުތަކުގައި މިތުން ވަނީ ވިދާލާފައެވެ.

މިތުންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޑިސްކޯ ޑާންސާ"، "ވަރުދަތް"، "ބޮކްސާ" އަދި "އަގްނީޕަތް" ހިމެނެއެވެ. 2000 ގެ އަހަރުތަކުން ފެށިގެން މިތުން ވަނީ ކެރެކްޓާ ރޯލުތައް ކުޅެން ފަށާފައެވެ. މިތުން އެންމެ ފަހުން ފެނުނީ މިއަހަރުގެ އެޅުވި ކާމިޔާބު ފިލްމު "ކަޝްމީރު ފައިލްސް" އިންނެވެ.