ޚަބަރު

ރައީސްކަން ކޮށްފައިވާ ބޭފުޅުންގެ ޤާނޫނަށް މުހިއްމު އިސްލާހެއް


ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު، ކުރި ކުށަކަށް ޖަލުޙުކުމެއް ތަންފީޒު ކުރަންޖެހިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ޤާނޫނުން ލިބިދޭ ހުރިހާ ޢިނާޔަތަކާއި ރައްކާތެރިކަން ނުލިބޭގޮތަށް ޤަނޫނަށް އިޞްލާހެއް ހުށައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު، އެބޭފުޅަކު ކުރެއްވި ކުށަކަށް ޖަލުޙުކުމެއް ތަންފީޒްކުރައްވަން ޖެހިވަޑައިގެންފިނަމަ، އެހިސާބުން ފެށިގެން އޭނާއާއި، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެޤާނޫގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި ޢިނާޔަތެއް ނުލިބޭނެކަމަށެވެ. މި އިޞްލާހު ހުށައެޅުއްވި މަޤްޞަދުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަކީ އަބަދުމެ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާޢަށްޓަކައި މަސައްކަތްކުރައްވާ ބަޔަކަށް ވާންޖެހޭތީއާއި، މަޤާމު އަދާކުރެއްވި ދުވަސްވަރާއި، މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހުވެސް ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކުށްތަކުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭތީ އެކަން ކަށަވަރު ކުރުމަށްކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ޙިމާޔަތް ދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޖިނާޢީ ކުށަކަށް އަރައިގަންނަން ނުޖެހޭފަދަ ގޮތަކަށް ހަމަޖެއްސުމަށް ހުށައެޅުއްވި އިޞްލާހެއްކަމަށްވެސް، މި އިޞްލާހު މަޖިލީހަށް ހުށައެޅުއްވި މަޤުޞަދެއްކަމުގައި ވިދާޅުވެފައިވެއެވެ.