ޚަބަރު

ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ފެށުމުން އިންވެސްޓްމަންޓްތައް ލިބޭނެ: ފައްޔާޟް


ޓްރާންޝިޕްމަންޓު ބަނދަރުގެ މަސައްކަތް ފެށުމުން އެތަނަށް އިންވެސްޓްމަންޓުތައް ލިބޭނެ ކަމަށް ޤަބޫލުކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ މި މަސައްކަތަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތް މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން މި މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.

" އުތުރުގައި ޓްރާންޝިޕްމަންޓު ޕޯޓެއް، އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް، އެކަން ނުކުރެވުނު ކަމެއް، އަދި ހިސާބުތަކުން ދައްކާގޮތުގައި އެއާ ކާމިޔާބު ޕްރޮޖެކްޓަކަށްވެސް ނުވެދާނެކަމަށް ދައްކާ ޕްރޮޖެކްޓެއް، ކުރިން ހެދި ހިސާބުގައިވެސް، އަޅުގަނޑުމެން ހެދި ހިސާބުގައިވެސް، އެހެން ނަމަވެސް އަޅުގަނޑުމެން، މިހާރު އޭގެ މޮޑެލެއް އެބަ ހަދަން، އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ،" މިނިސްޓަރ ފައްޟާޒް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ކުންފުނިތައް ގުޅިގެން ކަމަށެވެ. އަދި މި މަސައްކަތް ފެށިގެން ދިޔުމުން އިންވެސްޓްމަންޓުތައް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޓްރާންޝިޕްމަންޓު ބަނދަރާއި ގުޅިގެން އިތުުރު ސިނާއަތްތައްވެސް އުފެދިގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބަލަމުން މިދަނީ އެންމެ ރަނގަޅުގޮތަކަށް ބޮޑު ސިނާއަތެއް ގާއިމްކުރެވޭނެ ގޮތަކާއި ގުޅޭގޮތުން، އެގޮތުން އުއްމީދު އެބައޮތް އުތުރުގައި ޓްރާންސްޝިޕްމަންޓު ޕޯޓާއި ވިދިގެން އަންނަ ބައިވަރު ސިނާއަތްތައް، ދިގު މުސްތަޤްބަލެއްގެ ވާހަކަ މި ދައްކަނީ، ސިޔާސީ ބޭފުޅުން ފަހަރެއްގައި ބުނެފާނެ، ކޮބާހޭ މިތާ އޮތް ޕޯޓު، ނޫން، އެއީ ކުރިއަށް އޮތް 15 އަހަރު 30 އަހަރުތެރޭ ތަރައްޤީވެގެން އަންނަ ސިނާއަތެއްގޮތަށް އޭގެ ބިންގާތައް އެޅުމުގެ މަސައްކަތްތައް މި ކުރަނީ، އެހެންބަޔަކަށް ނުކުރެވިފައި އޮތް ކަމެއް، އަޅުގަނޑުމެއް އޭގެ ބިންގާތައް އަޅާނަން،" މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ޓްރާންޝިޕްމެންޓް ބަނދަރު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަޙައްދެކެވެ. އެހެންކަމުން މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ޤާއިމްކުރުމަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކީ ތަންފީޒު ކުރެވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށާއި އިޤްތިޞާދީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ވަރުގަދަ ހަބެއް ޤާއިމްކުރެވިގެންދާނެއެވެ. މީގެ އިތުރަށް ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވި އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެތީވެ މިމަޝްރޫއު ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.