ޚަބަރު

"އާރްއާރްއާރް" ގެ ސީކުއަލްއެއް އުފައްދާނެކަން ކަށަވަރުކޮށްދީފި


މިއަހަރު އެޅުވި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އާރްއާރްއާރް" ގެ ސީކުއަލް އެއް އުފައްދާނެކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖްމޯލީ ބުނެފިއެވެ.

ދާދިފަހުން ޖަޕާނުގައި ރިލީޒްކޮށް އެ ޤައުމުގައި 3 ވަނައަށް އެންމެ ކާމިޔާބު ހިންދީ ފިލްމަށްވެސް ވެފައިވާ "އާރްއާރްއާރް" ގެ ސީކުއަލްއެއް ހަދާ ވާހަކަ ރާޖަ މޯލީ އިޢުލާނުކުރީ އެމެރިކާގެ ޗިކާގޯގައި މި ފިލްމު ޕްރީމިއާކުރަން ބޭއްވި ޙަފުލާއެއްގައެވެ.

މިހާތަނަށް އޭނާ އުފެއްދި ހުރިހާ ފިލްމެއްގެ ވާހަކަ އާއި ސްކްރީންޕްލޭގެ އެންމެ ބޮޑު ހިއްސާދާރަކީ ބައްޕަ ކޭވީ ވިޖަޔެންދުރަ ޕްރަސާދު ކަމަށާއި އެހެންވެ "އާރްއާރްއާރް" ގެ ދެވަނަ ބައި ކުރިއަށް ގެންދާނެ ގޮތް ބައްޕަ ރާވަމުން އަންނަ ކަމަށް ރާޖަ މޯލީ ބުންޏެވެ.

ބޮޑު ކާމިޔާބެއް ހޯދި ބްލޮކްބާސްޓަރ ފިލްމު "ބަހޫބާލީ" ގެ ދެ ފިލްމުވެސް އުފެއްދި ރާޖަމޯލީގެ ބައްޕަ މިހާރު އެންމެ ބޮޑަށް ފޯކަސްކޮށްފައި އޮތީ އެކްޓަރު މަހޭޝް ބާބޫއާ އެކީ ހަދަން ނިންމާފައިވާ އެޑްވެންޗާ ފިލްމަކަށެވެ. މި ފިލްމަކީވެސް "އާރްއާރްއާރް" އާއި "ބާހޫބަލީ" ގެ ފިލްމުތަކާ އެއްގޮތަށް ބޮޑު ބަޖެޓަކުން، ގްރޭންޑްކޮށް ހަދާނެ އެއްޗެކެވެ.

އިނގިރޭސީންނާ ދެކޮޅަށް 1920 ގެ ތެރޭގައި ނުކުންނަ ހިތްވަރު ގަދަ ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭ "އާރްއާރްއާރް" ގެ ކާސްޓުގައި ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ހިމެނެއެވެ. އަދި އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް މުހިއްމު ރޯލުތަކުން ފެނިފައިވެއެވެ.

ޖުމްލަ 550 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 1،200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

އިންޑިއާގައި ވާހަކަ ދައްކާ އުޅޭ މައިގަނޑު 5 ބަހަކުން ގެނެސްދީފައިވާ މި ފިލްމުގެ ޑިޖިޓަލް ރައިޓްސް ދުނިޔޭގެ އެންމެ މަޤުބޫލު ސްޓްރީމިން ކުންފުނި ނެޓްފްލިކްސްއަށް ވަނީ ދޫކޮށްލާފައެވެ. އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާގެ އާންމު ބައެއް ކެޓަގަރީތަކަށް ވާދަކުރަން "އާރްއާރްއާރް" ވަނީ ހުށަހަޅާފައެވެ.