ޚަބަރު

ރައީސްގެ ބެންކް އެކައުންޓުގެ މަޢުލޫމާތު އޭސީސީއަށް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޭންކް އެކައުންޓުގެ ތަފްޞީލް ހާމަކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާތީ އެމަޢުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝާނާ ޙިއްޞާކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ނިންމައިފިއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ރައީސް ޔާމީންގެ ބޭންކު އެކައުންޓުގެ ތަފްޞީލް އޭސީސީއާއި ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާކަމަށް ސަރުކާރުން ރޭ ހާމަކުރެއްވުމާ ގުޅިގެން، އިސްލާމިކް ބޭންކުން ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ، ބޭންކިން ޤާނޫނުގައި ކަސްޓަމަރުންގެ މަޢުލޫމާތު ޙިމާޔަތްކުރަން ޖެހޭ އުޞޫލުތައް ކަނޑައަޅާފައިވާތީ، ތަޙްޤީގީ އިދާރާތަކަށް އެބޭންކުގެ ކަސްޓަމަރުންގެ މަޢުލޫމާތު ޙިއްޞާކުރެވޭނެ ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވާ ކަމަށެވެ.އިސްލާމިކް ބޭނުންކުން ބުނީ، އޭސީސީއިން ހޯދަން އެދުނު މަޢުލޫމާތު ޙިއްޞާކުރުމާބެހޭ މަޝްވަރާތައް ކުރިޔަށްދާކަމަށާއި، އެ މަޢުލޫމާތު ޙިއްޞާކުރާނެ ގޮތަކާމެދު ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. ތަޙްޤީޤީ ފަރާތްތަކުން ހިންގާ ކޮންމެ ތަޙުޤީޤަކަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް އޮތްކަމަށް އިސްލާމިކް ބޭންކުން ހާމަކުރެއެވެ. މީގެ ކުރިން އިސްލާމިކު ބޭނުންކުން ރައީސް ޔާމީންގެ އެކައުންޓުގެ ތަފްސީލް އޭސީސީއާއި ހިއްސާކުރުމަށް ދެކޮޅު ހެއްދެވިކަމަށް ބައެއް ފަރާތްތަކުން ފަތުރާފާވައިވާ ޚަބަރު ދޮގުކުރައްވާ އިސްލާމިކް ބޭނުން ވިދާޅުވީ، އެފަދަ ނިންމުމެއް އެބޭންކުން ނިންމާފައި ނުވާކަމަށެވެ.