ޚަބަރު

މާލޭގެ އިންޑަސްޓްރިއަލް އޭރިޔާ ތަރައްޤީކުރުމުގެ މަސައްކަތް ފަށައި


މާލޭ ދެކުނު ފަރާތުގައި ތަރައްޤީކުރާ އިންޑަސްޓްރިއަލް އޭރިޔާގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.ޕީ.އެސް.އެމް.އާއި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ޢަބުދުރައްޒާޤް ޙަލީމް ވިދާޅުވީ، މިހާރު ކުރިޔަށްދަނީ އެތަނުގެ މަސައްކަތް ކުރުމަށް ބޭނުންވާ ވެހިކަލްތައް ބާއްވާނެ ޖާގަހެދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ރަސްފަންނު ބީޗުގެ މަސައްކަތް ކުރިއިރު އެތަނުން ނަގައި ވިލިނގިއްޔަށް ގެންދިޔަ ވެލި، މާލޭގެ ދެކުނުފަރާތަށް ގެނައުމަށް، ބާޖު ބަރުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، މާދަމާ ހެނދުނު މިބާޖް މާލޭ ދެކުނުފަރާތަށް ލަފާނެކަމަށް ޢަބުދުރައްޒާޤު ޙަލީމް ވިދާޅުވިއެވެ.މި ސަރަޙައްދު ހިއްކުމުގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާލޭގައި ސަރުކާރުން ތަރައްޤީކުރައްވާ މި އިންޑަސްޓްރިއަލް އޭރިޔާއަކީ، މާލޭގައި ހުރި ގަރާޖާއި  ވޯރކްޝޮޕް ފަދަ ތަންތަން ބަދަލުކުރެއްވުމަށާއި ބަރު، ވެހިކަލްތައް ބެހެއްޓުމަށާއި، ކުނި މެނޭޖްކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ތަރައްޤީ ކުރައްވަން ނިންމެވި ތަނެކެވެ.މިތަން ބޭނުން ކުރަން ފެށުމުން އިންޑަސްޓްރިއަލް މަސައްކަތް އެތަނަށް ބަދަލުކުރެއްވުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.