ޚަބަރު

ރާއްޖެ-ޖަޕާނުގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް


ރާއްޖެއާއި ޖަޕާނުގެ ގުޅުމަށް 55 އަހަރުފުރުން ފާހަގަކުރުމަށް ޖަޕާނުގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ޖަޕާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ހިންގި މި ހަރަކާތްތަކުގެ ތެރޭގައި ދެޤައުމުގެ ޘަޤާފީ ގިނަ ހަރަކާތްތަކެއް ވަނީ ހުށައަޅާފައެވެ. ޖަޕާނުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވެސް ބައިވެރިވި މި ހަރަކާތުގައި ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޙަސަން ޞާބިރާއި، ޑެޕިއުޓީ ހައިކޮމިޝަނަރ މުޙައްމަދު އަމީތާއި ހައިކޮމިޝަނުގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ ތެރެއިން ޖަޕާނުގެ ރައްޔިތުންގެ ފަރާތުން ވަނީ ދިވެހި ބައެއް ލަވަތައްވެސް ހުށައަޅައިދީފައެވެ. މީގެ އިތުރުން އެކި ޢުމުރުފުރާތަކަށް ޚާއްޞަ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއާއި ޖަޕާނާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރީ މީގެ 55 އަހަރު ކުރިން 14 ނޮވެމްބަރ 1967 ވަނަ އަހަރުއެވެ.

ރާއްޖެއާއި ޖަޕާނުގެ ގުޅުމަށް 55 އަހަރު ފުރުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔަޝި ޔޮޝިމަސާއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި ދެޤައުމުގެ ގާތް އަޚްވަންތަ ގުޅުމުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެވެ. އެގޮތުން ޢުމްރާނީ ވަސީލަތްތައް ޤާއިމްކުރުމަށާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުންވެސް ދީލަތި ގިނަ އެހީތަކެއް އެޤައުމުން ވަނީ ރާއްޖެއަށް ވެދީފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ބައެއް އެހީތަކުގެ ތެރޭގައި މާލެ ވަށައި ލާފައިވާ ތޮއްޓަކީ ޖަޕާނުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ހިންގާފައިވާ މުހިންމު މަޝްރޫޢުއެކެވެ.


މީގެ އިތުރުން ޖަޕާނުން ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި، އަސްކަރިއްޔާއަށްވެސް ވަސީލަތްތައް ފޯރުކޮށްދީފައިވެއެވެ. އަދި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ކޯވިޑްގައިވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. އަދި އިޤްތިޞާދު ރަނގަޅުކޮށް ބަޖެޓު ސަޕޯޓަށްވެސް މާލީ އެހީތެރިކަން ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.