ޚަބަރު

ނައިފަރު ކައުންސިލުން އެދުނު ފްލެޓްތަކުގެ މައްސަލަތައް ވަނީ ހައްލުކޮށްފައި: ހައުސިން މިނިސްޓްރީ


ނައިފަރުގައި ސަރުކާރުން ތަރައްޤީކުރި ފްލެޓްތަކުގެ އިމާރާތާގުޅޭ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެވެ. ނައިފަރުގައި ސަރުކާރުން 100ހައުސިން ޔުނިޓް ހަދާފައިވަނީ 4 އިމާރާތަކަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމާ މިއަހަރުގެ ފެބްރުއަރީ 19ވަނަ ދުވަހު ފްލެޓްތަކުގެ ވެރިންނާ ވަނީ ހަވާލުކޮށްފައެވެ. އަދި މިހާރު އެ ފްލެޓްތަކަށް އާއިލާތަކުން ވަނީ ބަދަލުވެފައެވެ. ނަމަވެސް މީހުން ދިރިއުޅެން ފެށުމާއިއެކު، އިމާރާތުން ފާހަގަވި ބައެއް މެއިންޓަނަންސް މައްސަލަތަކާ ގުޅިގެން، ފްލެޓްގެ ވެރިންގެ ޕެޓިޝަނެއް މަޖިލީހަށް ވަނީ ފޮނުވާފައެވެ. 98 މީހުން ސޮއިކޮށް ފޮނުވާފައިވާ ޕެޓިޝަނާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ޕްލޭނިން މިނިސްޓްރީ ވަނީ ހާޒިރުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ފްލެޓްތަކުގައި ހުރި މައްސަލަތައް ކައުންސިލުން ރަސްމީކޮށް މިނިސްޓްރީއަށް ހުށައެޅީ އެންމެ ފަހަރަކުކަމަށެވެ. އެއީ މިއަހަރުގެ މެއި މަހުގެ 19ވަނަ ދުވަހުއެވެ. އޭރު ހުށަހަޅާފައިވަނީ އިމާރާތުގެ ބައެއް ފާރުތަކުގައި ރެނދުހުރުމާއި ކުޑަދޮރުން ފެން ވަނުމުގެ ބައެއް މައްސަލަކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ މި އިމާރާތްތައް އަޅާފައިވަނީ ހިއްކި ބިމެއްގައިކަމުން، މިފަދަ އެހެން އިމާރާތްތަކޭ އެއްގޮތަށް ކުދި ހިމަ ރެނދުތަކެއްލީކަމަށެވެ. ނަމަވެސް އިމާރާތުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ނެތްކަމަށެވެ. އަދި ކުޑަދޮރުން ފެން ވަނުމުގެ މައްސަލަވެސް ދިމާވީ، ޓަވަރުތަކުގެ އެންމެ މަތީ ފަންގިފިލާތަކަށް ކަމަށާއި މި މައްސަލަ ކުރިމަތިވީ ބައެއް އެޕާޓްމަންޓްތަކުގެ ދޮތުރައް ސީލްކުރުމުގައި ހުރި ކަމަކުންކަމަށާއި، ކޮންޓްރެކްޓަރާއެކު މަސައްކަތްކޮށް އެ މައްސަލަވެސް މުޅިން ހައްލުކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕެޓިޝަނާއެކު ދެން އެދިފައިވަނީ ސަޕްލައި ފެނާއި ވަޅުފެން ފްލެޓްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. ފްލެޓްތަކުގައި އަޅާފައިވަނީ އެއް ހޮޅި ލޭނެވެ. މިނިސްޓްރީން ވިދާޅުވީ މިއީ ފެނުގެ ނިޒާމަށް މައްސަލަ ބޮޑުވާނެ ކަމަކަށްވާތީ، މިނިސްޓްރީން މިހާރު ކަން ކުރަމުންދާގޮތަކީ ސަޕްލައި ފެން އެކަނި ފްލެޓްތަކަށް ދިނުމަށްކަމަށެވެ. ނަމަވެސް ނައިފަރު ފްލެޓްތަކަށް ވަގުތީގޮތުން ގުޅާފައިވަނީ ވަޅު ފެނެވެ. ރަށުގައި ކައިރި މުއްދަތެއްގައި ފެނުގެ ނިޒާމު ނިމޭނެކަމަށާއި، ފްލެޓްތަކަށް އެއްކޮށްވެސް ގުޅާނީ ސަޕްލައި ފެނުގެ ނިޒާމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ފްލެޓްތަކުގެ ވެރިން އެދެމުންދާގޮތަށް، އިމާރާތްތަކުގެ ވަށާ ފާރުވެސް ރާނައިދޭނެކަމަށެވެ.

ނައިފަރު ހައުސިން ޔުނިޓްތަކުގެ މަސައްކަތްކޮށްފައިވަނީ ރަަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރްސީސީންނެވެ. އަދި 1 އަހަރުގެ ގްރޭސް ޕީރިއަޑްގެތެރެއިން ފްލެޓްތަކުގެ މަރާމާތުގެ މަސައްކަތްތައްވެސް ކުރިއަށްގެންދިޔައީ ފްލެޓްގެ ވެރިންނާ ކައުންސިލްތަކުގެ އެޕްރޯވަލްއާއެކު އެކުންފުނިންނެވެ.