ޚަބަރު

30 އަހަރާ ނުބައްދަލު ތަރައްޤީ މިސަރުކާރުންވަނީ ގެނެސްފައި: ފައްޔާޟް


އުމްރާނީ ތަރައްޤީގެ ދާއިރާއިން ވޭތުވެދިޔަ 30 އަހަރު އެއްކޮށްލީމައި ކުރެވިފައިހުރި މަސައްކަތްތަކަށްވުރެ މިސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގިނަ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އުމްރާނީ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ބަޖެޓު ފޮތްތަކުންވެސް ފެންނާނެ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ އަމަލީ މަސައްކަތްވެސް ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އުމްރާނީ ތަރައްޤީއަށް ބަލައިފިއްޔާވެސް އެއޮތީ ސާފުކޮށް ފެންނަން، ބަޖެޓުތައް ނަގައިގެން ބައްލަވާ، ނިންމާފައި ހުރި ޕްރޮޖެކްޓްސްތައް ބައްލަވާ ވޭތުވެދިޔަ 30އަހަރު އެއްކޮށްލީމައި ކުރެވުނު މަސައްކަތަށްވުރެ ގިނަ މަސައްކަތްތައް މިހާރު ކުރެވެމުން އެ ދަނީ، ފިޒިކަލީ ކުރެވެމުން، ހަމައެކަނި ބަޖެޓުގައި ޖަހާފައި އޮތީއެއް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވަނީ ހެޔޮވެރިކަމެއްކަން ފާހަގަކުރައްވާފައެވެ. އެއީ އަނިޔާވެރި ހުދުމުޚުތާރު ސަގާފަތެއް އޮތް ޤައުމެއް ޑިމޮކްރަސީއަކަށް ބަދަލުވެގެންދާއިރު، އެ ވިސްނުން ޤަބޫލުކޮށްގެން މަސައްކަތްކުރާ ވެރިއެއް ހުރުމަކީ ޤައުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިިނިސްޓަރ ފައްޔާޒުގެ ވާހަކައިގައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި ގުޅޭ ތަފްސީލްތައް ދެއްވާފައެވެ. އެގޮތުން އައްޑޫ، ހަނިމާދޫ އަދި ލާމު އަތޮޅުގައި ކުރިއަށްދާ އަދި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްސީލްތައް މިނިސްޓަރ ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢުތަކާއި އެކު މުޅި ރާއްޖެއަށް އުމްރާނީ ތަރައްޤީގެ ދާއިރާއިން އިންޤިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.