ވިޔަފާރި

' މޭޑް އިން މޯލްޑިވްސް' ލޯގޯ ޖެހުމާބެހޭ ޤަވާޢިދު އެކުލަވާލަނީ


ރާއްޖޭގެ
އުފެއްދުންތަކުގައި ' މޭޑް އިން މޯލްޑިވްސް' ލޯގޯ ޖެހުމަބެހޭ ޤަވާޢިދު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް
ދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.



މިނިސްޓަރ
ސަޢީދު ވިދާޅުވީ މި ލޯގޯ މިއަހަރުގެ ތެރޭގައި ތަޢާރުފްކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެއްވެސް އުފެއްދުމަކީ ރާއްޖޭގެ އުފެއްދުމެއް ކަމަކަށް ކަނޑައެޅޭނީ، ރާއްޖޭއިން ލިބެން ހުރި ތަކެތީގެ
ކިހާމިންވަރެއް ނުވަތަ ކިތައް ފަސަންޓް ހިމަނައިގެން ތަކެތި އުފައްދައިގެންކަން މި ޤަވާއިދުގައި ކަނޑައެޅޭނެ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.



ދިވެހި
އުފެއްދުންތައް ގިންތިކޮށް،  ރާއްޖޭގެ
އުފެއްދުމެއްކަން އަންގައިދޭ ލޯގޯ ބޭނުންކުރަން ފެށުމުން ފްރީ ޓްރޭޑް އެގްރިމެންޓްތަކުގެ ބޭނުން އެންްމެ އެދެވޭ ގޮތުގައި ހިފައި،  ދިވެހި އުފެއްދުންތަކަށް ގިނަ ފުރުސަތުތަކެއް
ފަހި ވާނެކަން މިނިސްޓަރ ސައީދު ފާހަގަ ކުރެއްވިއެވެ.



މޭޑްއިން
މޯލްޑިވްސް ލޯގޯއަކީ މުދާ ގަންނަ ފަރާތްތަކަށް އެ މުދަލަކީ ރާއްޖޭގެ
އުފެއްދުމެއްކަން ފާހަގަވާނެގޮތް ހަދާދިނުމާއި، ރާއްޖޭގެ އުފެއްދުންތަކަށް
އެކަށީގެންވާ އަގު ހޯދައިދިނުމާއި ރާއްޖޭގެ އުފެއްދުންތަކަށް މާކެޓް
ހޯދައިދިނުމުގެ މަޤްސަދުގައި ތަޢާރަފްކުރާ ލޯގޯއެއް ކަމަށް އިކޮނޮމިކް
މިނިސްޓްރީން ވިދާޅުވެއެވެ.