ޚަބަރު

މިއަހަރުގެ "ރިވެލި މަޢުރަޒު" ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި


"ރިވެލި މަޢުރަޒު 2022" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ.

އެކަމަނާ މި މަޢުރަޒު ހުޅުއްވައިދެއްވާފައި ވަނީ މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި މަޢުރަޒަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ މަޢުރަޒެކެވެ.

މި މަޢުރަޒު ހުޅުއްވައި ދެއްވައި، މަޢުރަޒު ބައްލަވާލެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަޢުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ޖެންޑަރ މިނިސްޓްރީން ބާއްވާ މަޢުރަޒެކެވެ.

މި އަހަރުގެ މަޢުރަޒުގައި ބައިވެރިވި 95 ބައިވެރިން، އެފަރާތްތަކުގެ އުފެއްދުންތައް ހުށައަޅާފައި ވަނީ 5 ދާއިރާއަކުންނެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކާބޯތަކެތީގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއާއި، އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއެވެ. އަދި، މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

"ރިވެލި މަޢުރަޒު 2022" ކުރިޔަށް ދާނީ، މިއަދާއި މާދަމާ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.