ޚަބަރު

ޓޫރިޒަމް ޓެކްސް ރާއްޖޭގައި ބޮޑުކުރާ މިންވަރު އަދިވެސް ކުޑަ: ފައްޔާޒް


ރާއްޖެއާއި އެއް ފަންތީގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް، ޓީޖީއެސްޓީ ރާއްޖޭގައި ބޮޑުކުރާ މިންވަރު އަދިވެސް ކުޑަ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން މިހާރުވަނީ ފާސްކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށްވަނީ ފާސްކޮށްފައެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ރާއްޖެއާއި އެއް ފަންތީގެ އެހެން ޤައުމުތަކުގައި ޓީޖީއެސްޓީ ހުރީ އެވްރެޖްކޮށް %16ގައި ކަމަށެވެ. އަދި މިބަދަލާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަދަލެއް އަންނާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" ޓޫރިޒަމްގެ ބައެއް ބޭފުޅުން ވިދާޅުވާނެ އޭތިކޮޅު ބޮޑުވީމައި ގެސްޓު މީހާ ނާންނާނެއޭ، ނޫން، ރަނގަޅު ވާހަކައެއް ނޫން އެއީކީ، ގެސްޓު މީހާ މިތަނަށް އައިސް 5000 ޑޮލަރު ޚަރަދުކުރާއިރުގައި، އިތުރު 50 ޑޮލަރު ދައްކަން ޖެހިގެން ނައިސް ހުންނާނެ ކަމަށް ގަބޫލުކުރައްވަންތޯ، ކޮންމެވެސް ވަރަކަށް ގެސްޓުހައުސް ވިޔަފާރިއަށް ހިޓުވާނެ، ވަރަށް ކުޑަ އިފެކްޓެއް ކުރާނީ،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ޓެކްސްއަށް މިފަދަ ބަދަލެއް ގެންނަން ނިންމި ސަބަބުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ކަރަންޓަށް ސަރުކާރުން ދެމުންދާ ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ސަބްސިޑީ ދެވޭނީ ޓެކްސްއަށް ބަދަލު ގެނެސްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓެކްސްއަށް ބަދަލުތައް ގެންނަމުންދާއިރު، ސަރުކާރުން ޑިއުޓީތައް ކުޑަކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިދިޔަ 3 އަހަރު އަޅުގަނޑު އެކްސްޕޯޓު އިމްޕޯޓު ބިލަށް ހުށަހަޅައިގެން ބައިވަރު އާއްމު ރައްޔިތުން ބޭނުންކުރާ މުދާތަކުން ޑިއުޓީ ސުމަކަށް ގެންގޮސްފިން، ވިޔަފާރިތަކުން ދައްކަމުންދިޔަ ޑިއުޓީތަކެއް ސުމަކަށް ގެންގޮސްފިން، އެބައިތައް ދޫކޮށްލާއިރު ކޮންމެވެސް ދިމާލަކުން އަންނަން ޖެހޭ، މިއަންނަ އަހަރުވެސް ޑިއުޓީ ކުޑަ ކުރުމުގެ މަރުހަލާތަކެއް ކުރިއަށްދާނެ،" މިނިސްޓަރ ވިދާޅުުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓެކްސްއަށް ގެންނަ ބަދަލުތަކުންވެސް ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމުގެ މުސްތަޤްބަލަށް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް ގެނައުމުގައި ފަސް ނުޖެހޭނެކަން ކަމަށެވެ. އަދި އެހެން ސަރުކާރެއް އައި ނަމަވެސް 2024ގައި ޓެކްސްއަށް މި ބަދަލު ގެންނާނެ ކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.