ޚަބަރު

ކަސްޓަޑީ އެއްބަސްވުމާއެކު ދަރިން ގޮވައިގެން ޝަކީރާ މިއާމީއަށް


ގާތްގަނޑަކަށް 12 އަހަރު އެކުގައި އުޅުމަށްފަހު ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭ ގެ ގުޅުން ރަސްމީކޮށް ނިމުނު ކަން އިޢުލާނުކުރީ މިއަހަރުގެ ޖޫން މަހުއެވެ.

45 އަހަރުގެ ޝަކީރާއާއި 35 އަހަރުގެ ޕީކޭ ރައްޓެހިވީ 2010 ވަނަ އަހަރުއެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ މިލާން ޕީކޭ މެބާރަކް، 9، އާއި ސާޝާ ޕީކޭ މެބާރަކް، 7، އެވެ.

ދެމީހުންގެ ގުޅުން ނިމުމަކަށް އައުމަށްފަހު އެންމެ ފަހުން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޚަބަރަކީ ދެ މީހުން ކުދިންގެ ކަސްޓަޑީ އެއްބަސްވުމަކަށް އައި ޅަބަރެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަކީރާ އާއި ޕީކޭ ކުދިންގެ ކަސްޓަޑީއާއި ބެހޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުދިންގެ ހުރިހާ ކަމަކީ އެ ދެމީހުންވެސް އެންމެ އިސްކަން ދޭނެ ކަމެވެ.

ކަސްޓަޑީ އެއްބަސްވުމަކަށް އާދެވިފައިކަމަށް ބުނެފައިވާ މި ދަނޑިވަޅުގައި ދެ ކުދިން ގޮވައިގެން މިއާމީއަށް ބަދަލުވާންވެސް ޝަކީރާ އަންނަނީ ތައްޔާރުވަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއާމީ އަކީ ޝަކީރާގެ މައިންބަފައިން ތިބޭ ތަނެވެ. ޝަކީރާ މިއާމީއަށް ބަދަލުވާން މިއުޅެނީ ބާސެލޯނާގައި 8 އަހަރު ވަންދެން ދިރިއުޅުމަށްފަހުއެވެ.

މިއާމީއަށް ބަދަލުވާން ނިންމިއިރު، ޓެކްސް ނުދައްކާ ކަމަށް ބުނެ ޝަކީރާގެ މައްޗަށް ދައުވާކޮށް ސްޕެއިންގެ ކޯޓެއްގައި އަންނަނީ މައްސަލައެއްވެސް ބަލަމުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ 8 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެކަމުގެ އިންޒާރު ސްޕެއިނުން ވަނީ ދީފައެވެ. ނަމަވެސް މި ދައުވާއަށް ޝަކީރާ އިންކާރުކުރެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީކޭއާ ވަކިވާން ޝަކީރާ ނިންމީ ބޭވަފާތެރިވިކަން ފަޅާއެރުމުންނެވެ. އެގޮތުން ސިއްރިޔާތުގައި ޕީކޭ އެހެން އަންހެނަކާ އެކު ގުޅުންތަކެއް ހިންގަމުންދާ ކަމަށްވެ އެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން ޝަކީރާ އަށް އެ އަންހެން މީހާއާ އެކީ ޕީކޭ އުޅޭ ތަން ވެސް ފެނިފައިވާ ކަމަށްވެއެވެ.