ޚަބަރު

އިސްތަންބޫލުގައި ބޮމެއް ގޮއްވާލާ ހަ މީހުން މަރާލައިފި


ތުރުކީވިލާތުގެ ވެރިރަށް އިސްތަންބޫލުގެ މަގެއްގައި ބޮމެއް ގޮއްވައިލާ ހަ މީހުން މަރައިލައިފިއެވެ. އިސްތަންބޫލުގައި ފިހާރަބަރިތައް ހުންނަ ސަރަޙައްދެއް ކަމުގައި އިސްތިޤުލާލް އެވެނިޔުގައި ދިން މި ހަމަލާގައި 81 މީހުން ޒަޚަމުވިއެވެ. ބޮން ގޮއްވައިލާފައި ވަނީ ފައިމަގުގައި އުޅޭ އެ މަގުގައި ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އޮތް ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުޣާން ވަނީ، މިއީ ޓެރެރިސްޓު ހަމަލާއެއް ކަމުގައި ސިފަ ކުރައްވާފައެވެ. "ޓެރެރިޒަމްގެ އަމަލުތައް ހިންގައިގެން މި ޤައުމުގެ އެއްބައިވަންތަކަށް ނަގައިލަން ކުރާ މަސައްކަތްތައް ނާކާމިޔާބު ވާނެ. މި ހަމަލާގައި ޒިންމާވާ މީހުން ހޯދައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާން،" އުރުދުޣާން ވިދާޅުވިއެވެ.

އެއްވެސް ފަރާތަކުން މި ހަމަލާގެ ޒިންމާ އުފުލާފައި ނުވި ނަމަވެސް، މިއީ ތުރުކީ ވިލާތުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ހަމަލާއެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ޤަބޫލު ކުރެއެވެ. ކުރުދީ ހަނގުރާމަވެރިން މީގެ ކުރިން ވެސް ތުރުކީގެ ބޮޑެތި ރަށްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދީފައިވެއެވެ.

ހަމަލާއާ ގުޅިގެން އިސްތަންބޫލުގެ ޕުރޮސިކިއުޓަރގެ އޮފީހުން ވަނީ ޚާއްޞަ ތަހުޤީޤެއް ފަށާފައެވެ. މިއީ ޓެރެރިސްޓުންގެ ހަމަލާއެއް ކަމަށް އުރުދުޣާން ވިދާޅުވި ނަމަވެސް، އެއްވެސް ތަހުޤީޤީ އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

2016ވަނަ އަހަރު ވެސް އިސްތަންބޫލުގައި ނުރައްކާތެރި ބޮމުގެ ހަމަލާތަކެއް ދީފައިވެއެވެ. ފުޓުބޯޅަ ސްޓޭޑިޔަމެއް ކައިރީގައި ދެ ބޮން ގޮއްވައިލައިގެން ދިން އެ ހަމަލާތަކުގައި 38 މީހުން މަރުވިއެވެ. އަދި، 155 މީހުން ޒަޚަމުވިއެވެ. ކުރުދިސްތާން ވަރކަރސް ޕާޓީ (ޕީ.ކޭ.ކޭ)ގެ ގޮތްޕަކުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފައެވެ.