ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒަކުން މަސްތުވާތަކެތީގެ ފަރުވާ

ކޮންމެ ރަށެއްގެ ސިއްޙީ މަރުކަޒު މެދުވެރިކޮށް މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންގެ ތެރެއިން އެކަމުން ސަލާމަތްވާން އެދޭ މީހުންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި، ހާފްވޭ ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. އެހެންކަމުން މިކަމަށް މުޅި ރާއްޖޭގައިވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގެ އެސެސްމަންޓެއް މިހާރު ހަދާފައިވާއިރު، ފަރުވާއަށް ދެމުންގެންދިޔަ ޕްރޮގްރާމްތައްވެސް މުރާޖާކުރެވިފައިވާކަމަށެވެ. މިއާއެކު އަތޮޅުތެރެއަށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ މީހުން ތަމްރީންކޮށް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަން ވަނީ ދެނެގަނެވިފައި. މިއަންނަ އަހަރުގެ ވަރަށް ކުރީކޮޅު، ކޮންމެ ރަށެއްގެ ހެލްތު ސެންޓަރުން ކޮންމެވެސްވަރެއްގެ ޚިދުމަތްތަކެއް މިކަމަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ." ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތިން ދުރުހެލިވުމަކީ އެއީ ކޮންމެ މީހަކުވެސް އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއްކަމަށެވެ. ގަދަބާރުން އެކަން ނުވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުއަކީ ނަސޭޙަތް ދިނުން އިތުރު ތަނަކަށް ހަދަންޖެހޭކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި ސޯޝަލް ކައުންސިލްގެ ވައިސް ޗެއަރޕާސަން ޑރ.މުސްޠަފާ ލުޠުފީ ވިދާޅުވީ ކޯވިޑްގެ ނުރައްކަލަށްވުރެވެސް، މުޖުތަމަޢުގައި މަސްތުވާތަކެތީގެ ނުރައްކާ ބޮޑުވެފައިވާކަމަށެވެ. އަދި މިއީ އިންސާނާގެ ސިކުނޑި ބަލިކަށިވާ ވަގުތު މީހުން ޚިޔާރުކުރާ މަގެއްކަމުން ފިކުރު ކުރުން ކުޑަކުރެވޭނެހެން މުޅިމުޖުތަމަޢުގެ ކަންކަން ރޭވުމުގެ މުހިއްމުކަމުގެ މައްޗަށް މުސްޠަފާ ލުޠުފީ ވަނީ އަލިއަޅުއްވާލައްވާފައެވެ.

"މިއަދުހުޅުވި މަރުކަޒަށް ފަރުވާއަށް އަންނަ ފަރާތްތަކުންވެސް މިކަމުގެ ތެރެއަށް ވަންނަން މެދުވެރިވި ސަބަބު ދެނެގަނެ އެމީހުން ފަރުވާއަށްފަހު ދާންޖެހެނީ އެމާޙައުލަށްތޯ ދެނެގަންނަން އެބަޖެހޭ. އަދި އެމީހުންގެ ޙާލަތު ބަދަލުކޮށް މަސްތުވާތަކެއްޗަށް ރުޖޫޢަވުން ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ." މުސްޠަފާ ލުޠުފީ ވިދާޅުވިއެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތައް އިތުރުވަމުން އަންނައިރު މަސްތުވާތަކެއްޗަށް ދާން މަގުފަހިވާ އެއް ސަބަބެއްގެ ގޮތުގައި ޑރ.މުސްޠަރފާ ލުޠުފީ ވަނީ މިކަން ފަހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި މިހާރު އެންމެ ގިނައިން އިންސާނީ ވަޞީލަތް ތަރައްޤީކުރަންޖެހޭ އެއްދާއިރާއަކީ އެ ދާއިރާއިންކަންވެސް ފާހަގަކުރެއްވިއެވެ. އަދި ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުން ތަމްރީންކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.