ޚަބަރު

މާފަރާއި މާވަރުލުގައި އެއާރޕޯޓް އެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ނ. މާފަރާއި ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުއްވާލައްވައިފިއެވެ.މި ދެ ރަށުގައި އެއަރޕޯޓް ތަރައްޤީކުރަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މި ހުޅުއްވާލެއްވީ މި މަސައްކަތް ކުރިން ޙަވާލްކުރެއްވި ފަރާތްތަކާއި ރީޖަނަލް އެއަރޕޯޓްސްއާ ދެމެދު ވެފައިވާ އެއްބަސްވުން މިދިޔަ ބުރާސްފަތި ދުވަހު ބާޠިލްކުރެއްވުމަށްފަހުއެވެ. ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަވާ ރީޖަނަލް އެއަރޕޯޓްސްއިން މިއަދު ނެރުއްވި އިޢުލާނެއްގައިވާ ގޮތުން ނ. މާފަރާއި ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްގީކޮށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުއްވާލާފައެވެ.ރީޖަނަލް އެއަރޕޯޓްސްގެ އިޢުލާންގައި ވަނީ ޑޮމެސްޓިކް އެއަރޕޯޓެއް ބިލްޑް އޮޕަރޭޓް އެންޑް ޓްރާންސްފަރ (ބީއޯޓީ) ނުވަތަ ކޮންޓްރެކްޓް ފައިނޭންސިން އުޞޫލުން ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ، މާލީ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިފައިވާ ކަމަށެވެ. ރާއްޖެއާއި ރާއްޖެން ބޭރުގެ ފަރާތްތަކަށްވެސް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައިވާ ކަމަށް އެ އިޢުލާންގައިވެއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި މާފަރު އެއަރޕޯޓް ތަރައްގީކުރުމަށް ޙަވާލުކުރެއްވި ކުންފުންނިން މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ، އެ އެގްރީމެންޓް ބާޠިލްކުރައްވައި، ރައީސް ވަޙީދުގެ ސަރުކާރުން އަލުން މާފަރު އެއަރޕޯޓް އިއުލާންކުރައްވައި އެމަސައްކަތް ދެއްވާފައިވަނީ، މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ. އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރެއްވީ އެގްރިމެންޓްގައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއެވެ.2011 ވަނައަހަރު ސަރުކާރުން މާވާރުލު ވައިގެ ބަނދަރު ތަރައްޤީކުރެއްވުމަށް މޫވިންގ އިންޓަނޭޝަނަލާ ޙަވާލުކުރައްވާފައިވާއިރު މާވަރުލު އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުން ބާޠިލްކުރެއްވީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިއިރުވެސް އެއަރޕޯޓްގެ މަސައްކަތް ނިމިފައި ނުވުމުން ކަމަށް ރީޖަނަލް އެއާރޕޯޓްސްއިން ވިދާޅުވެއެވެ.