ދުނިޔޭގެ ވިޔަފާރި

ފައިދާ ނުވާ ވިޔަފާރިތައް އެމެޒޯންއިން ރިވިއުކުރަނީ


ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ފައިދާ ނުވާ ވިޔަފާރި ޔުނިޓްތައް ރިވިއު ކުރަން އެމެޒޯން އިންކް އިން ނިންމާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފިއެވެ. އެގޮތުން ރިވިއު ކުރަން ނިންމި ވިޔަފާރީގައި އެ ކުންފުނީގެ ވޮއިސް އެސިސްޓެންޓް އެލެކްސާގެ ޑިވައިސިސް ޔުނިޓްވެސް ހިމެނެއެވެ.

އެތައް މަސްތަކެއް ވަންދެން ރިވިއު ކުރުމަށްފަހު ފައިދާ ނުވާ ބިޒްނަސް ޔުނިޓް ތަކުގައި ތިބި މުވައްޒަފުން ކުންފުނީގެ އެހެން ޔުނިޓްތަކުން ވަޒީފާ ހޯދަން އެމެޒޯން އިން ވަނީ އަންގާފައެވެ. މީގެއިތުރުން ވަކި ޓީމުތަކުގެ މުވައްޒަފުން އިތުރަށް ފައިދާވާ ޔުނިޓް ތަކަށް ބަދަލުކޮށް، ރޮބޮޓިކްސް އާއި ރީޓެއިލް ފަދަ ޔުނިޓްތައް ބަންދު ކުރަން ވެސް އެމެޒޯން އިން ވަނީ ނިންމާފައެވެ.

އެލެކްސާގެ ވިޔަފާރި ވަރަށް ގާތުން އެމެޒޯން އިން ބަލަމުން އަންނައިރު، އެލެކްސާ އިތުރަށް ގާބިލު ކުރުމުގެ ވިސްނުންވެސް އެމެޒޯން އިން ގެންގުޅޭ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެލެކްސާ އަކީ އެމެޒޯންގެ ވަރަށް ގިނަ ޑިވައިސްތަކުގައި ބޭނުންކުރެވޭ އެއްޗެކެވެ. ނަމަވެސް އިތުރު ގާބިލު ކަމެއް އެލްގްސާއަށް ގެންނަން ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށާއި، ގިނަ ކަސްޓަމަރުން އެލެކްސާ ބޭނުން ކުރަނީ ވަރަށް މަދު ބޭނުމަކަށް ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެލްކްސާ ހިމެނޭ ޔުނިޓްގެ ވިޔަފާރިއަށް އަހަރަކު 5 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެމެޒޯންގެ ތަރުޖަމާނު ބްލެޑް ގްލާސާ ވިދާޅުވިގޮތުގައި ޚަރަދު ކުޑަކުރެވެން އޮތް ހުރިހާ ގޮތަކަށް އެކުންފުނީގެ ހަރަދު ކުޑަ ކުރުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ. އަދި އެލެކްސާ އަކީ އެމެޒޯންއަށް ވަރަށް މުހިންމު އިންވެސްޓްމެންޓަކަށް ވާއިރު، އެލެކްސާގެ މުސްތަގްބަލާއިމެދު ވަރަށް ރަނގަޅަށް ވިސްނާ ކަމަށްވެސް ގްލާސާ ވިދާޅުވިއެވެ.

އެމެޒޯން އިން ޔުނިޓްތައް ރިވިއު ކުރުމަށް ނިންމާފައި މިވަނީ ޗުއްޓީ ދުވަސްކޮޅު އެމެޒޯންގެގެ ވިޔަފާރި ދަށްވާނެ ކަމަށް ބުނެފައި ވަނިކޮށެވެ. ކޯޕަރޭޓް މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށްވެސް އެމެޒޯން އިން މިދިޔަ ހަފްތާ ވަނީ ބުނެފައެވެ.