ޚަބަރު

މިޞްރުގައި ހިންގާ އިމާމުން ތަމްރީންކުރުމުގެ ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފި


މިޞްރުގައި ހިންގާ އިމާމުން ތަމްރީންކުރުމުގެ ކޯހެއްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއީ އިމާމުންނާއި ދާޢީންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިޞްރު ސަރުކާރުގެ ފަރާތުން ހުރިހާ ޚަރަދެއް ކުރާގޮތަށް ހިންގާ ތަމްރީން ކޯހެއްކަމަށެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށެވެ.

މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މިޞްރުގެ ވެރި ރަށް ޤާހިރާގައެވެ. މިއީ 2 މަސް ދުވަހުގެ ކޯހެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ޢަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުމާއި، ކަމާގުޅޭ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. އަދި ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ ދީނީ ތަޤްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުންވެސް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކޯހަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމުގައި ޢަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރާއި ތަޖުރިބާއަށް ބަލާނެކަމަށެވެ.

ކޯހުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށެވެ. އެގޮތުން މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތަޢުލީމީ ދާއިރާއިން ލިބިފައިވާ އެޓެސްޓްކޮށްފައިވާ ސެޓިފިކެޓްތަކާއި، ޢަރަބި ބަހުން ތައްޔާރުކޮށްފައިވާ ސީވީ 17 ނޮވެމްބަރުވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން މިނިސްޓްރީން ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.