ޚަބަރު

"ފްރެޑީ" އަށް ތައްޔާރުވާން ކާތިކް 14 ކިލޯ ބަރުވި


މި މަހުގެ 7 ވަނަ ދުވަހު ޓީޒާއެއްވެސް ދައްކާލާފައިވާ ބޮލީވުޑް ތަރި ކާތިކް އާރިޔަންގެ ކުރިއަށްއޮތް ފިލްމު "ފްރެޑީ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިންނެވެ.

މި ފިލްމަކީ ކާތިކް "ވަރަށް ޑާކް" ކެރެކްޓާއަކުން ފެންނިގެންދާނެ ފިލްމެކެވެ. "ފްރެޑީ" ގައި އޭނަ ފެންނާނީ ޑެންޓިސްޓެއްގެ ރޯލުންނެވެ. އެކަމަކު މިއީ ހީކުރާ ވަރަށް ވުރެ ސިއްރުން ފުރިގެން "ނުރައްކާތެރި" ޑޮކްޓަރެކެވެ. އަދި މި ކެރެކްޓާ އަށް ރަނގަޅަށް ފިޓްވާން ކާތިކް ވަނީ ގާތްގަނޑަކަށް 14 ކިލޯ ބަރުވެސްވެފައެވެ.


ސެލިބްރިޓީ ފިޓްނެސް ޓްރެއިނާ ސަމީރު ޖައުރާ ބުނި ގޮތުގައި ކާތިކްއަކީ އަބަދުވެސް ހިކިކޮށް ހުންނަ މީހަކަށްވެފައި 14 ކިލޯ ބަރުވާން ޖެހުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ކާތިކްގެ ބަރުވާން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށް ސަމީރު ބުންޏެވެ.

މި ފިލްމާއި ބެހޭގޮތުން ކާތިކް ބުނީ "ފްރެޑީ"ގެ ސްކްރިޕްޓަކީ އޭނާއަށް މިހާތަނަށް ލިބުނު އެންމެ ގަޔާވި އަދި އެންމެ ހައިރާން ކުރަނިވި ސްކްރިޕްޓް ކަމަށެވެ. އަދި މި ކެރެކްޓާ ވަރަށް ކުޅޭލާ ހިތުން ހުރި ކަމަށްވެސް އޭނާ ބުންޏެވެ.


ކާތިކް އެންމެ ފަހުން ފެނިފައި ވަނީ މެއިގައި ރިލީޒްކުރި ކާމިޔާބު ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ 2" އިންނެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ "ފްރެޑީ" ޑައިރެކްޓްކުރަނީ "ވީރޭ ދީ ވެޑިން" އާއި "ހޫބްސޫރަތު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޝަޝަންކާ ގޯޝް އެވެ. ފިލްމުގެ ބަތަލާ އަކީ އަލާޔާ ފަރްނީޗަރުވާލާ އެވެ. މިއީ 2020 ގެ "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ދެވަނަ ފިލްމެވެ.