ޚަބަރު

ކާޖޮލްގެ އާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި


"ކުޗް ކުޗް ހޯތާ ހޭ" ގެ ތަރި ކާޖޮލް ގެ އައު ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ. "ސަލާމް ވެންކި" ކިޔާ މި ފިލްމުގައި ކިޔައިދޭނި މަންމައަކާއި އޭނާގެ ނުކުޅޭދޭ ފިރިހެން ދަރިފުޅުގެ ވާހަކައެވެ.

އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ މި މަހުގެ 14 ވަނަ ދުވަހު ދައްކާލާނެއެވެ. "ސަލާމް ވެންކީ" ޑައިރެކްޓްކޮށްފައި ވަނީ ބަތަލާ ރިވަތީ އެވެ. އޭނަ އަކީ ސަލްމާން ޚާންގެ 1990 ގެ ފިލްމު "ލަވް" ގެ ބަތަލާއެވެ.


ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ތުރިބާންގާ" އިންނެވެ. އޭނާ މިހާރު އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ދައްކަން ހަމަޖެހިފައިވާ "ދަ ގުޑް ވައިފް" ކިޔާ ސީރީޒެއް ވެސް ކުޅެމުންނެވެ.

މިހާރުން އުމުރުން 48 އަހަރުގެ ކާޖޮލްއަކީ ހިންދީ ސިނަމާގައި އެންމެ ކާމިޔާބު އެއް ބަތަލާއެވެ. ހިންދީ ސިނަމާއަށް ކާޖޮލް ތަޢާރަފުވީ 1992 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބޭހުދީ" އިންނެވެ. މި ފިލްމުގައި ކާޖޮލްއާއެކު ލީޑް ރޯލުން ފެނުނީ ޝާހުރުހްޚާނެވެ.

އޭގެފަހުން ކާޖޮލް ވަނީ ހިޓް ފިލްމުތައް ކަމަށްވާ "ދިލް ވާލޭ ދުލްހަނިޔާ ލޭޖާއެގޭ"، "ކުޗް ކުޗް ހޯ ތާ ހޭ"، "ކަބީ ޚުޝީ ކަބީ ޣަމް"، "މައި ނޭމް އިޒް ޚާން" އަދި "ފަނާ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.

ކާޖޮލް އަކީ ބޮލީވުޑް މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ގެ އަންހެނުންނެވެ. މި ދެމަފިރިންގެ ދެ ކުދިންވެސް ތިބެއެވެ.