ޚަބަރު

ލާމަރުކަޒީ ޞިއްޙީ ޚިދުމަތް، އަހަރު ދެކޮޅު މާލެއަށް ކުރަންޖެހުނު ދަތުރުތަކަށް ލުޔެއް


ރަށު ސިއްޙީ މަރުކަޒުން ނުވެގެން އަތޮޅުގެ ސަރަޙައްދީ ހޮސްޕިޓަލަށް ޑޮކަޓަރަށް ދިއުމުން، އެތާންގައި އެންމެ އާދައިގެ ޓެސްޓެއް ހެދޭނެ ގޮތްވެސް ނެތިގެން ދެން ފޮނުވާލީ މާލެއެވެ. މާލެ އައިސް ޑޮކްޓަރު އެޕޮއިންޓްމަންޓް ހަމަނުޖެހި އެތަށް ދުވަހެއްގެ ދިގު ކިއުތަކުގައި ޖެހެން ޖެހުނެވެ. ޑޮކްޓަރަށް ނުދެއްކި ފަރުވާ ނުލިބުނު ޙާލުގައި، އަތުގައި ހުރި ފައިސާކޮޅުވެސް ހުސްވެ ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ހިސާބަށްވެސް ދިޔައީއެވެ.

މިއީ އޭރު ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގެ އޭރުގެ ސިއްޙީ ނިޒާމުގެ ހާލަތުގެ އޮތް ގޮތެވެ. ހޮސްޕިޓަލްތައް ހުރިނަމަވެސް އެތަންތާކު ޑޮކްޓަރުންނެއް، ފަރުވާއެއް އަދި އެންމެ ކުޑަމިނުން ލޭގެ ޓެސްޓެއް ނުވަތަ ސްކޭނެއް ކޮށްލެވޭނެ ގޮތެއްވެސް ނެތެވެ.

ކިތަންމެ ކުޑަ ޚިދުމަތެއް ހޯދުމަށްވެސް ބޮޑު ޚަރަދުކޮށް ދާންޖެހުނީ އެހެން އަތޮޅެއްގެ ހޮސްޕިޓަލަކަށް ނޫނީ މާލެއަށެވެ. މި ތަޖުރިބާ ނުކުރާ ދިވެއްސެއް މަދުވާނެއެވެ.

މިއީ ދިވެހިންނަށް އަރައިނުގަނެވުނު ޙާލަތެކެވެ. ވޭތުވެ ދިޔަ ހުރިހާ ސަރުކާރުތަކެއްގެ ވިސްނުންވެސް ހުރީ ބޮޑެތި ހުރިހާ ކަމެއް، ޚިދުމަތެއް ހުންނަންޖެހޭނީ ވެރިރަށް މާލޭގައިކަމަށެވެ. ނަމަވެސް މި ވިސްނުން ބަދަލުކޮށް، ލާމަރުކަޒުކުރުން ދިވެހިންނަށް ބުނެދިނީ ކައިރި މާޒީގައެވެ.

އަތޮޅުތަކުގައި ކުރި ފުރަތަމަ ނާރުގެ އޮޕަރޭޝަނާއި، މައިބަދައިގެ އޮޕަރޭޝަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ވަނީ ކޮށްފައެވެ. ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ލޮލުގެ ފުސްކެހުމުގެ އޮޕަރޭޝަނާއި، ކަށީގެ އޮޕަރޭޝަންތައް ފެށިއްޖެއެވެ. އަދި ޚާއްސަ ބަލިތަކުގެ ޑިޕާރޓްމަންޓްތަކާއި ޑައިލަސިސް ފަދަ ޚިދުމަތްތައް އިތުރުވެއްޖެއެވެ.

ދިގު ދަތުރުގެ ޚަރަދާ، މާލެ ގޮސް ތިބުމާއި ކެއިންބުއިމާއި ބޭސްފަރުވާއަށް ކުރި ޚާރަދުތައް ސަލާމަތްވެއްޖެއެވެ. މަރުކަޒީ ޚިދުމަތްތަކަށް ފަރިތަ ދިވެހިންނަށް، އެމީހުން ތިބި ހިސާބަކުން ސިއްޙީ ޚިދުމަތްތައް ލިބެން ފެށުމުން އޭގެ ފަސޭހަ އިޙުސާސުކުރެވެން ފެށިއެވެ. ޖީބުން ޚަރަދުވި ބޮޑު ފައިސާ ކުޑަވެއްޖެއެވެ.

ސަރުކާރުން އެންމެ މުހިންމު ކަމެއްގެ ފުރަތަމަ މަސައްކަތް ކުރީ، ކުދިކުދި ޚިދުމަތް ހޯދަން މާލެއަށް އަންނަން ޖެހުނު ޖެހުން ނިމުމަކަށް ގެނައުމަށެވެ. އާއްމުކޮށް ފަރުވާ ހޯދާ ބަލިތަކުގެ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށެވެ. ލޭގެ ޓެސްޓުތަކާއި، އެކްސްރޭއާއި ސްކޭން އަދި ސިޓީ ސްކޭންފަދަ ޚިދުމަތްތައް އަތޮޅުތަކުގައި މައި ހޮސްޕިޓަލްތަކުގައި ފެށިއެވެ. އަދި ބޮޑެތި ބައެއް ބަލިތަކަށް ސްކްރީން ކުރެވޭނެ ގޮތްތައްވެސް ހަމަޖެއްސިއެވެ.

މީގެ ކުރިއެރުން މިހާރުވެސް ފެންނަން ފަށައިފިއެވެ. ހޮސްޕިޓަލްތަކުގައި އެކި ދާއިރާގެ ޑޮކްޓަރުންގެ ޚިދުމަތް އިތުރުވުމާއި، އަދި ޓެސްޓް ހެދޭނެ އިންތިޒާމާއެކު، ކުދިކުދި ކަންކަމުގައި މާލެއަށް ބަލީމީހާ ފޮނުވަންޖެހުނު ޖެހުން ވަރަށް ބޮޑަށް މަދުކުރެވިއްޖެއެވެ. މިކަން ހޮސްޕިޓަލްތައް އަދި އާސަންދައިގެ ތަފާސް ހިސާބުތަކުންވެސް ފެނެއެވެ. ބަލިމީހުން މާލެ ގެނައުމަށް ކުރާ ޚަރަދަކީ އާސަންދައިގެވެސް އެންމެ ބޮޑު އެއް ހޭދައެއް ކުރަންޖެހޭ ކަމެކެވެ.

އެންމެ ބޮޑު ބަދަލެއް އައި ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްގައި ޑޮކްޓަރުންނާއި، ޓެސްޓްތައް އިތުރުކުރުމާއި އަދި އިމާރާތަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އަދި ބޮޑެތި ބަލިތަކުގެ އޮޕަރޭޝަންތައް މިހާރު ދަނީ ކުރަމުންނެވެ.

ޞިއްޙީ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު ތަޞައްވުރަކީ ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމެވެ. މިގޮތުން ޓަރަޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ، ރ. އުނގޫފާރު، ހދ. ކުޅުދުއްފުށި، ލ. ގަން އަދި ސ. ހިތަދޫގައެވެ.

މީގެތެރެއިން އުނގޫފާރު ހޮސްޕިޓަލް ޓާރޝާރީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ އެކްސްޓެންޝަން އިމާރާތުގެ ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ގެނައުމުގެ މުހިންމު މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. ދެން ހުރި ހޮސްޕިޓަކުގެ މަސައްކަތްތައްވެސް އެކު މަރުޚަލާފައި ދަނީ ކުރިއަށެވެ. ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރަނީ ވަކި ޙާއްސަ ދާއިރާތަކުން ޢަމާޒުކޮށްގެންނެވެ.

ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 60 މިލިއަން ރުފިޔާ ހިމެނާފައިވެއެވެ. އަދި 2023 ވަނަ އަހަރަށް 73 މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ.

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން ލ. ގަމުގައި ކެންސަރު ބަލީގެ ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ. މިކަމުގެ މަސައްކަތް އެކި މަރުޚާލާތަކުގައި ކުރިއަށްދެއެވެ. ލ. ގަމުގައި ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމަށް 2022 އަދި 2023 ހިމެނޭހެން، 107 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

މިއަހަރުގެތެރޭގައި ވަނީ 60 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކޮށްފައެވެ. މީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ހެލްތު ސެންޓަރުތަކުގެ އެކްސްޓެންޝަން މަސައްކަތްތަކެވެ. އަންނަ އަހަރުގެ ބަޖެޓުގައިވެސް 132 ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިމަނާފައެވެ. މި މަސައްކަތަށް 551 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.

ބަލިމީހާ އުފުލާނެ ގޮތެއް ނެތި، ބަރޮއާއި ގާޑިޔަލުގައި ބަލިމީހުން އުފުލި ދުވަސްތަކެއްވެސް ދިޔައެވެ. އެމްބިއުލާންސްގެ ދަތިކަން އޮތް 130 އަށްވުރެ ގިނަ ރަށަށް މިދިޔަ 3 އަހަރު ވަނީ އެމްބިއުލާންސް ފޮނުވާފައެވެ. އަދި ކުދި ރަށްތަކަށް ބަގީ އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޖަޒީރާކޮށް އޮތް ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް، ފަސޭހަ ވިއުގައަކުން ގުޅާލުންވެސް މި ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތާއެކު ޞިއްޙީ ޚިދުމަތް ހޯދުމަށް އެއް ރަށުން އަނެއް ރަށަށް، އަގު ހެޔޮކޮށް ފަސޭޙަކަމާއެކު ކޮންމެ ދުވަހަކު ދަތުރުކުރެވެއެވެ. މި ޚިދުމަތް ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅުގައި ވަނީ ޤާއިމުކޮށްފައެވެ.

އާރްޓީއެލް ނިޒާމު ވެގެންދާނީ މޯބައިލް ލެބޯޓްރީގެ ޚިދުމަތަށްވެސް ލިބޭ ކުރިއެރުމަކަށެވެ. މިއީ ލެބޯޓްރީ ނެތް ރަށްރަށުން ސާމްޕަލް ނަގާ، ޓެސްޓް ހެދޭ ހޮސްޕިޓަލަކަށް ސާމްޕަލް ފޮނުވޭނެ ފަސޭހަ އިންތިޒާމެކެވެ. މި ނިޒާމު ފައްކާކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.

2023 ވަނަ އަހަރަށް ސަރުކާރުން ޞިއްޙީ ދާއިރާއާށް ކުރާ އުއްމީދު ބޮޑެވެ. އަންނަ އަހަރު ފާހަގަކުރަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ މައި އަހަރުގެ ގޮތުގައެވެ. ޞިއްޙީ ދައިރާއިން 5 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ފާސްކުރުމަށް މަޖިލީހަށްވަނީ ފޮނުވާފައެވެ.

ބަޖެޓުގެ އެންމެ މުހިންމުކަމަކީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރާ ބޮޑުކުރުމެވެ. މުވައްޒަފުންގެ މުސާރައަށް އެކަނި 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ޞިއްޙީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި ހުރިހާ ޚިދުމަތަކާއެކު ޞިއްޙީ ނިޒާމުގެ ވަށާޖެހޭ ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. މާލެއަށް ބަރޯސާވާންޖެހުނު ޖެހުން މުޅިން ނިމުމަކަށް ގެނެވޭނެއެވެ.