ޚަބަރު

މަތީ ދަރަޖައިގެ އިނާމު 52 ބޭފުޅަކަށް، ހާފިޡުންގެ އިނާމު 13 ބޭފުޅަކަށް


މަތީ ދަރަޖަ ހޯއްދެވި 52 ބޭފުޅަކާއި ޤުރުއާން ހިތުދަސްކުރެއްވި ހާފިޡުންގެ ތެރެއިން 1 ވަނަ ދަރަޖައިގައި ފާސް ހޯއްދެއްވި 13 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމު ދެއްވައިފިއެވެ.

އިނާމު ހަވާލުކޮށްދެއްވީ މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައިސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަކީ، ޢިލްމާ ހުނަރާ އުފެއްދުންތެރިކަމުގައި، ހިތްވަރާއެކު ހޯދާފައިވާ ކާމިޔާބީ ޤައުމީ ފެންވަރެއްގައި ފާހަގަކޮށް ދޭ އިނާމެކެވެ.

މިއަހަރުގެ ޤައުމީ އިނާމު 5 ދާއިރާއަކުން ހުޅުވާލިއިރު، މިއަހަރުގެ ޤައުމީ އިނާމު ޖުމްލަ 52 ބޭފުޅަކު ހާސިލްކުރެއްވިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ އެންމެ މަތިން ސަނަދެއް ހާސިލްކޮށް ފާގަކޮށްލެވޭ ކާމީޔާބީއެއް ހޯއްދަވާފައިވާ 9 ބޭފުޅުންނާއި، މަތީ ތަޢުލީމާ ތަމްރީންގެ ރޮނގުން އެންމެ މަތީ ވަނައެއް ހާސިލްކޮށްފައިވާ 41 ބޭފުޅަކާއި އަދި އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ 1 ބޭފުޅަކަށް އިނާމް ދެއްވިއެވެ. މިއީ ޤައުމީ އިނާމުގައި އުފެއްދުންތެރި އީޖާދީ މަސައްކަތުގެ ދާއިރާއިން އިނާމު ޙާސިލްކުރެއްވި ފުރަތަމަ ފަހަރެވެ. އދ.ދަނގެތީ އޯޝަން ވިލާ މުޙައްމަދ އަކްރަމް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްމ

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރާ އަހަރަށްވުމާއިއެކު، މިއަހަރުގެ ޤައުމީ އިނާމުގައި މި ދާއިރާއިން އިނާމު ދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހިމެނުއްވިއެވެ. މިއީ މިއަހަރަށް އެކަނި ޚާއްސަކުރެއްވި އިނާމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދަމަހައްޓައި، އިންޤިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ ރައީސްގެ ޚާއްސަ އިނާމު ލިބުނީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ކުންފުންޏަށެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިނާމު އެއް ވަނަ ދަރަޖައިގައި ޤުރުޢާން ހިތުދަސްކުރެއްވި ބޭފުޅުންނަށްވެސް ދެއްވިއެވެ. ޤުރުއާން ހިތުދަސްކުރެއްވި ހާފިޡުންގެތެރެއިން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމާއި މެޑަލް ދެއްވިއެވެ.

އިނާމު ލިބުނު ހުރިހާ ބޭފުޅުންނަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުއެވެ.

އިނާމަށް ނަން ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން، ޤައުމީ އިނާމު ޙާސިލްކުރެއްވި ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި އެކުލަވާލެއްވި ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.