ޚަބަރު

އަލިފާނުގެ ޙާދިސާއާއި ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ ފިރިހެނަކަށް


ބުދަ ދުވަހުގެ ރޭ މ.ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލު ދެރަވެގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔައީ ފިރިހެނެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މި ހާދިސާގައި 10 މީހަކު ނިޔާވިއިރު، ސަލާމަތްވީ 9 މީހުންނެވެ. އައިޖިއެމްއެޗްގައި ފަރުވާދެމުން އަންނަނީ އެމްއެންޑީއެފް އިން އެތަނުން ސަލާމަތްކޮށްގެން ނެރުނު ދެމީހުންގެ ތެރެއިން އެކަކެވެ. އަނެކަކު އައިޖީއެމްޗްގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އެމީހާ އަންދާފައިވާ ވަރު ބޮޑުކަމުން އެމީހާގެ އެއްވެސް މައުލޫމާތެއް މީގެ ކުރިން ސާފުވެފައެއް ނުވެއެވެ. އެގޮތުން އޭނާގެ ޖިންސު ވެސް އަދި އެއީ ކާކުކަމެއް ވެސް ނޭނގޭ ކަމަށް ފުލުހުން އޭރު ވިދާޅުވެފައިވެއެވެ.

އައިޖިއެމްއެޗްގެ މީޑިއާ އޮފިޝަލް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، އެމީހާއަށް މިހާރު ވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި، އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އޭނާގެ ހާލަތަށް ވަކި ބަދަލެއް އަދި އައިސްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް އައި އިރު އަދިވެސް އެމީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި، އެކަމަކު އެއީ ފިރިހެނެއް ކަން ދެނެގަނެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމީހާ އަކީ ކާކުކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ފުލުހުން ވެސް ވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެން ގެއްލިފައިވާ މީހުންގެ މައުލޫމާތުތައް އެނގޭ ނަމަ އެކަން ހިއްސާކޮށްދިނުމަށް އެދިފައެވެ. މި ހާދިސާގައި ނިޔާވި މީހުން ވެސް އެންމެ ފުރަތަމަ ދެނެގަނެވިފައެއް ނުވެއެވެ. އެކަމަކު އާންމުން ދިން މައުލޫމާތާއި ފުލުހުންގެ ކްރޮސްމެޗުން މިހާރު 9 މީހުން ވަނީ ދެނެގަނެވިފައެވެ.