ޚަބަރު

އަލިފާނުގެ ޙާދިސާގައި ނިޔާވި 9 މީހަކު ދެނެގަނެވިއްޖެ


ބުދަ ދުވަހުގެ ރޭ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި 10 މީހުންގެ ތެރެއިން 9 މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި ގާތްގަނޑަކަށް ސާޅީހަކަށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދިޔަ އެ ގޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގާއި ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ 3 އަންހެނުންނާއި، ހަމަ އެޤައުމުގެ 4 ފިރިހެނަކާއި، ބަންގްލަދޭޝަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. އެ 10 މީހުންގެ ތެރެއިން އެކަކު އެއީ ކާކުކަން އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ އެމީހުން ވަކިކުރަން ނޭނގޭ ވަރަށް ސިފަ ގެއްލިފައިވާ ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވީ، އެމީހުން ދެނެގަތުމުގެ މަސައްކަތްކުރީ، އާންމުންނަށް ހުޅުވާލައިގެން ލިބުނު މަޢުލޫމާތާއި ފުލުހުން ހެދި ކްރޮސް މެޗްތަކުން ކަމަށެވެ. އެގޮތުން ފުލުހުން އިއްޔެ ވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެން ވާނުވާ ނޭނގި ގެއްލިފައިވާ ބިދޭސީންގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

10 މީހުންގެ ހަށިގަނޑު މޯޗަރީއަށް ގެންދިޔަ އިރު ވެސް ގެއްލިފައިވާ މީހުންގެ މަޢުލޫމާތުތައް ހިފައިގެން އެ ސަރަހައްދަށް ދަންނަ މީހުންނާއި، އާއިލީ މެމްބަރުން ގޮސްފައިވެއެވެ. ފުލުހުން އިއްޔެ ވަނީ އެމީހުން އަތުން އެ މަޢުލޫމާތުތައް ހޯދާފައެވެ.

ތިރީގައި ގަރާޖެއް ހުރެފައި އިތުރު ދެ ބުރި މައްޗަށް ނަގައިގެން ހަދާފައިވާ އެ އިމާރާތުގެ މަތީ ދެބުރީގައިވެސް އުޅެނީ ބިދޭސީންނެވެ. އެތަން މައިގަނޑުގޮތެއްގައި ހަދާފައި ހުރީ ލަކުޑިއާއި ޓިނުންނެވެ. ފެންނަ ފެނުމަށް އިމާރާތުގެ މަތީގައި ހުރީ ވެސް އެންމެ ކުޑަދޮރެކެވެ. އެތަނުން ސަލާމަތްވި ބައެއް ބިދޭސީން ބުނާގޮތުގައި އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައެވެ. އަދި މައްޗަށް އޭގެ އަސަރު ބޮޑަށް ކުރީ މުޅި ތަން ލަކުޑިން ހަދާފައި ހުންނާތީއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ހޮދިފައި ނުވާ ކަމަށާއި، އެ ތަހުގީގު މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެތަން ސާފު ކުރުމުގެ ތެރޭގައި އިއްޔެ އެތަނުން ވަނީ ބޮޑެތި ގޭސް ސިލިންޑަރުތަކެއް ވެސް ހޯދާފައެވެ.