ކުޅިވަރު

މެޑަލް ހޯދަން ބޭނުންވާ ކަމަށްވާނަމަ ރަނގަޅަށް ތައްޔާރުވާން ޖެހޭ


 ގޭމްސްތަކަށް އައިސް މެޑަލް ހޯދަން ބޭނުންވާ ކަމަށްވާނަމަ މިހާރަށްވުރެ
ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށް ރާއްޖޭ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން ސައްޔިދު އަލީ
ވިދާޅުވެއްޖެއެެވެ. 12ވަނަ ސައުތު އޭޝިއަން ގޭމްސްެގެ ރާއްޖޭގެ އިވެންޓްތައް ނިމުމުން ވާހަކަ ދައްކަވަމުން ސައްޔިދު އަލީ ވިދާޅުވީ ތައްޔާރުވެގެން އައި
ކުޅިވަރުތަކުން މެޑަލް ހޯދުމުން އެނގެނީ އެހެން ކުޅިވަރުތަކަށް ތައްޔާރު ނުވެވޭ
ކަމެވެ.



"އަޅުގަނޑުމެންނަށް މިފެނުނީ އެތުލެޓިކްސްއާއި ސްވިމިންގ އިން މެޑަލް
ހޯދިތަން. ޤައުމުގައި ވަސީލަތްނެތި އެ ދެކުޅިވަރުން މެޑަލް  އެހޯދީ ދުރާލާ ވަކި ޓާގެޓަކަށް
މަސައްކަތްކުރަން ޤައުމުން ބޭރުގައި ކުދިން ބައިތިއްބައިގެން ކުރި
މަސައްކަތުން" ސައްޔިދު އަލީ ވިދާޅުވިއެވެ.



 1984ވަނަ އަހަރު ބޭއްވި ފުރަތަމަ ސާފް ގޭމްސްގައި އެތުލީޓެއްގެ ގޮތުގައި
ބައިވެރިވެ މިއަދު ރާއްޖޭގެ ޗެފް ޑި މިޝަނެއްގެ ގޮތުގައި މަސައްކަތް
ކުރައްވާއިރުވެސް ރާއްޖޭގެ ގިނަ ޓީމްތަކުން ފެންނަނީ އޭރެކޭ އެއްކަހަލަ
ކަންތައްތަކެއް ކަމަށް ސައްޔިދު އަލީ ފާހަގަކުރެއްވިއެވެ. އެގޮތުން
ތައްޔާރުވުމުގައި އަދިވެސް ރާއްޖޭގެ ޓީމްތަކުގެ މައްސަލަ އުޅޭކަމަށް ސައްޔިދު އަލީ
ވިދާޅުވިއެވެ.



" ކުރީގައިވެސް ހަމަ ގޭމްސްއަށް ކައިރިވީމަ ޕްރެކްޓިސްކޮށްލާފަ
ނައްޓާލާނީ. މިހާރުވެސް އެކަހަލަ ކަންތައްތަކެއް މިފެންނަނީ. ގޭމްސް ފެށެން 2 މަސް
ދުވަަހަށްވީމަ ޕްރެކްޓިސްކޮށްލާފަ ނޫނީ ކޭމްޕެއްް ޖަހާލާފަ މިދަނީ. މިގޮތަކަށް
ކާމިޔާބީއެއް ނުލިބޭނެ" ޗެފް ޑި މިޝަން ސައްޔިދު އަލީ ވިދާޅުވިއެވެ.



 ރާއްޖޭގެ އެތުލީޓުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަސީލަތްތައް
ނެތުން ކަމަށާއި، ހުނަރުހުރި ކިތަންމެ ކުދިންނެއް ރާއްޖޭގައި އެބަތިބިކަމަށް
ސައްޔިދު އަލީ ވިދާޅުވިއެވެ. މިހާރުގެ އެތުލީޓުންގެ ކިބައިން ފެންނަ އެންމެ ކަމުދާ
ސިފައަކީ ރަނގަޅު އަޚުލާގު ކަމަށާއި، ކުރިއާ އަޅާބަލާއިރު އަހުލާޤީގޮތުން ރާއްޖޭގެ
އެތުލީޓުން މިހާރު ވަރަށް ރަނގަޅުކަމަށްވެސް ސައްޔިދު އަލީ ވިދާޅުވިއެވެ.



މިފަހަރުގެ ގޭމްސް ވެގެންދިޔައީ ސައްޔިދު އަލީގެ ހަތްވަނަ ގޭމްސްއަށެވެ. މީގެ
ކުރިން ކުުންތެރިއެއްގެ ގޮތުގައާއި، މެނޭޖަރެއް 
ނުވަތަ އޮފިޝަލެއްގެ ގޮތުގައިވިޔަސް ސައްޔިދު އަލީ ވަނީ ރާއްޖެ ތަމްސީލް
ކުރައްވާފައެވެ.



 މިހާތަނަށް ދިޔަ ގޭމްސްތަކުން އެންމެެ ހަނދާނުން ފިލުވާލަން ދަތި ވަގުތެއްގެ ގޮތުގައި ސައްޔިދު
އަލީ ފާހަގަކުރެއްވީ މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ފުޓްބޯޅަ ޓީމް ސެމީފައިނަލުން
ބަލިވި ވަގުތެވެ.



"މެޗް ނިމެން ހަމިނެޓަށްވީ އިރުވެސް އަޅުގަނޑުމެން ލީޑުގަ އޮތީ.
އެވަގުތު ކޮޅުގައި އެޓީމުން ދެލަނޑު ޖެހީމަ ހަމަ ވަރަށް ހަނދާނުން ފޮހެލަން
ދަތިވި" ގޯލް ކީޕެއްރެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ސައްޔިދު
އަލީ ވިދާޅުވިއެވެ.



 ވޮލީއާއި، ފުޓްބޯޅައިން ވިދާލި ސައްޔިދުއަލ ވިދާޅުވީ މަޖަލެއްގެ ގޮތުގައި ނުވަތަ
ނަމެއްގައި ގޭމްސްގައި ބައިވެރިވުމުގެ ބަދަލުގައި ދުރާލާ ރާއްޖޭގެ ޓީމްތަކުން
ތައްޔާރުވާން ޖެހޭ ކަމަށެވެ. ކާމިޔާބީއާ ހަމައަށް ދިއުމަށް ވަސީލަތްތައް
އެސޯސިއޭޝަންތަކަށް ލިބެން ޖެހެއެވެ. ހުނަރު އެބަހުއްޓެވެ. ދުރާލާ ތައްޔާރުވުން
އެއީ މިހާރު ކުރަންޖެހޭކަމެކެވެ. މުބާރާތެއް ނުވަތަ ގޭމްސްއެއް
ކައިރިވީމަ ދެމަސްދުވަހު ފަރިތަކޮށްގެނެއް ކާމިޔާބީއެއް ނުލިބޭނެއެވެ. މިފަަހަރުގެ
ގޭމްސްއިން ލިބުނު ޢިބުރަތަކީވެސް އެއީއެވެ.

 ސްވިމިންގއާއި އެތުލިޓިކްސްއިން
މެޑަލްއަކަށް ޓާގެޓް ކަނޑައަޅައިގެން މަސައްކަތްފެށީ ދުރާލާއެވެ. މާދަމާވެސް
ކުޅިވަރުތަކުން ދާންވީ މިސްރާބު ކަނޑައަޅަންވީއެވެ. ސައްޔިދު އަލީގެ ވާހަކައަކީ މިއީއެވެ.