ޚަބަރު

ޚާރްސަންއިން ރަޝިޔާ ސިފައިން ފައިބަން ފަށައިފި


ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންއިން އެ ޤައުމުގެ ސިފައިން ފައިބަން ފަށައިފިއެވެ. ޚާރްސަންގައި ތިބި ރަޝިޔާ ސިފައިން އެ ސަރަޙައްދުން ފޭބުމަށް އަމުރު ކުރައްވާފައި ވަނީ އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫއެވެ. އޭނާ ވަނީ ޓީވީއިން ދެއްކި ޕުރޮގުރާމެއްގައި އެ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އަދި، ރަޝިޔާ ސިފައިން އެންމެ ފުރަތަމައަށް ހިފާފައިވާ ސަރަޙައްދަކީ ޚާރްސަންއެވެ. އެ ރަށުން ރަޝިޔާ ސިފައިން ފައިބަން މަޖުބޫރުވެފައި ވަނީ، އެ ރަށް މިނިވަން ކުރުމަށް ޔޫކްރެއިނު ސިފައިން ހިންގަމުންދާ ކެމްޕޭނާ ގުޅިގެންނެވެ.

ޔޫކްރެއިނު ސިފައިން ވަނީ ޚާރްސަންގެ ވެރިރަށާ އިންވެގެން އޮތް ގިނަ ރަށްތަކާއި އަވަށްތައް މިހާރު މިނިވަން ކޮށްފައެވެ. މި ކަމާ ގުޅިގެން އެ ތަނުގައި ތިބި ރަޝިޔާ ސިފައިން އެ ތަނުން ފައިބަން އަންގާފައިވީ ނަމަވެސް، ޔޫކްރެއިނުން ބުނީ، އެ ކަން ޤަބޫލު ކުރާނީ އެ ސަރަޙައްދު މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވުމުން ކަމުގައެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚާއިލޯ ޕޮޑޮލްޔެކް ވަނީ، ޚާރްސަންގައި ތިބި ރަޝިޔާ ސިފައިންގެ ފައުޖުތައް އެ ސަރަޙައްދު ދޫކޮށް ފައިބަން ފަށާފައިވާ ކަން ހާމަ ކުރައްވާފައެވެ. ނަމަވެސް، އެ ޤައުމުގެ ސިފައިންގެ މަދު ބަޔަކު އަދި ވެސް ޚާރްސަންގައި ހަރަކާތްތެރިވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޚާރްސަންއަކީ ރަޝިޔާއިން މިހާރު އެ ޤައުމުގެ ބަޔެއްގެ ގޮތުގައި ބަލާ ސަރަޙައްދެކެވެ. ރަޝިޔާއިން ވަނީ އެ ސަރަޙައްދުގައި، ރަޝިޔާއާ ގުޅުމާ މެދު ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ވެސް ނަގާފައެވެ. އަދި، އެ ސަރަޙައްދުގެ ރައްޔިތުން ބޭނުން ވަނީ ރަޝިޔާއާ ގުޅުމަށް ކަމުގައި އެ ޤައުމުން ވަނީ ހާމަކޮށްފައެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދަކަށް ޔޫކްރެއިނުން ދޭ ކޮންމެ ހަމަލާއަކީ ރަޝިޔާއާ ދެކޮޅަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް، ޚާރްސަންގެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުން ހިންގާ އަސްކަރީ ކެމްޕޭނާ ގުޅިގެން، ރަޝިޔާއިން ވަނީ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ޚާރްސަންގެ 115,000 އަށްވުރެ ރައްޔިތުން މިހާރު ވެސް ވަނީ ރަޝިޔާގެ ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. ޔޫކްރެއިނުން ތުހުމަތު ކުރާ ގޮތުގައި، ޚާރްސަންގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ގޮސްފައި ވަނީ ރަޝިޔާއިން ބާރުގެ ބޭނުންކޮށް، ބިރު ދެއްކުމުގެ ސަބަބުންނެވެ.

ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިނުގެ ސިފައިން ހޯދަމުންދާ ކާމިޔާބީތަކާ އެކު، ހުޅަނގުގެ ބާރުތަކުން އެ ޤައުމަށް ފޯރުކޮށްދޭ އަސްކަރީ އަދި މާލީ އެހީތެރިކަން ވެސް ދަނީ އިތުރު ކުރަމުންނެވެ. މި ގޮތުން ވިލާތުގެ ކޮމިޝަނުން ވަނީ އަންނަ އަހަރު ޔޫކްރެއިނަށް 18 ބިލިޔަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ.